Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 21:11
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ވިލާގެ މައްސަލަ
ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!
ދަށު ކޯޓުގެ ހުކުމް ބާތިލް، އެއްބަސްވުން އުވާލީ ރަނގަޅަށް
އެކައުންޓްތައް ވަނީ ފްރީޒް ކޮށްފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދީފައި އޮތް ތ. އެލާ ފަޅުރަށުގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން އުވާލީ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި އެވެ.

 

ތ. އެލާ އަތުލި މައްސަލައިގައި ދަށު ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީގައި ހުކުމް ކޮށްފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގއާ ދެމެދު ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން އުވާލައި އެ ރަށް އަތުލީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. އަދި އެރަށް އަތުލުމަށް ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ފޮނުވި އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ވެސް ދަށު ކޯޓުން ހުކުމް ކޮށްފައި ވެއެވެ.

 

ދަށު ކޯޓުގެ ހުކުމުގައިވާ ގޮތުން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އަށް ތ. އެލާ ދިނުމަށް ހަދާފައި އޮތް އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް އެގްރީމެންޓް އުވާލީ 2013 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ސޮއިކޮށްފައިވާ ސެޓްލްމެންޓް އެގްރީމެންޓް އުވާލި އުވާލުން އަސާސަކަށް ބަލައިގެންނެވެ. އެހެންކަމުން ސެޓްލްމެންޓް އެގްރީމެންޓާ އެއް ހަމަޔަކުން އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް އެގްރީމެންޓާ މެދު އަމަލުނުކުރެވޭނެ ކަމަށް ދަށު ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

 

ނަމަވެސް، ދައުލަތުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމުން މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކަމަށް ކަނޑައަޅާފަ އެވެ.

 

އެލާގެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް، މައްސަލަ ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް ސުޕްރީމް ކޯޓުން ވިލާ އަށް އަދި އަންގާފައިނުވެ އެވެ.

 

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ތ. އެލާއާ ގުޅިގެން ދައްކަންޖެހޭ ފައިސާތަކެއް ދައްކާފައިނުވާ ކަމަށް ބުނެ ވިލާ ޝިޕިންގެ އެކައުންޓްތައް ބުދަ ދުވަހު ވަނީ ފްރީޒް ކޮށްފަ އެވެ. މީރާ އިން ވިލާ އަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި އެލާގެ ބިމު ކުއްޔާއި، ޖޫރިމަނާގެ އިތުރުން އިންޓަރެސްޓްގެ ގޮތުގައި ޖުމްލަ 18.6 މިލިއަން އެމެރިކާ ޑޮލަރު ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހެ އެވެ.

 

ވިލާ އަށް ދޫކޮށްފައިވާ ފަސް ރަށެއްގެ ކުއްޔާއި ކުލި ނުދައްކާ އޮތުމުން އަރާފައިވާ ޖޫރިމަނާ ކަމަށް ބުނެ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދުމަށް 2015 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކުންފުންޏަށް އަންގާފައިވެ އެވެ. އެ ފަސްރަށުގެ ތެރޭގައި އެލާ ވެސް ހިމެނެ އެވެ.

 

ވިލާއަށް ދޫކޮށްފައި ހުރި ރަށްތަކެއް އަތުލައި ބައެއް ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށް، ކާޑެއްދޫ އެއާޕޯޓް އަތުލި އިރު ގާސިމް މަސައްކަތް ކުރައްވަމުން ގެންދެވީ އިދިކޮޅު ފަރާތްތަކާއެކު އެވެ. ނަމަވެސް، ސަރުކާރާ އެއްކޮޅަށް އަރައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުންތަކުގައި ގާސިމާއި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން ބައިވެރިވާން ފެށުމާއެކު ބައެއް ރަށްތަކާއި ކާޑެއްދޫ އެއާޕޯޓް ވަނީ އަނބުރާ ދީފަ އެވެ.

 

ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލް ކޮށްފައިވަނީ، ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލައި މާމިގިލި އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ މިދިޔަ މަހުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް