އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް މާޒިޔާ ސްޕޯޓްސް ހަމަޖައްސައި އެ ޓީމުގެ އެކަޑެމީއަށް އުރީދޫން އެހީވާން ނިންމައިފިއެވެ.
ހޮޓެލް ޖެންގައި ބޭއްވުނު ހަފްލާއެއްގައި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ނަޖީބް ހާން އެވެ.
އުރީދޫއިން ބުނީ އެކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް މާޒިޔާ ހަމަޖެއްސީ މާޒިޔާ އަކީ މިފަހަކަށް އައިސް ދިވެހި ފުޓުބޯޅައިގައި ކާމިޔާބު ހޯދަމުންދާ ކްލަބެއް ކަމަށާއި އަދި މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވަނީ ވެސް މާޒިޔާއަށް ވުމުން ކަމަށެވެ.
އުރީދޫގެ ސްޕޮންސަރަކަށް މާޒިޔާ ހަމަޖެއްސުމާއިއެކު މާޒިޔާގެ އެކަޑެމީއަށް އުރީދޫއިން އެއްބާރުލުންދޭން ވެސް ވަނީ ނިންމައިފައެވެ. އެގޮތުން މާޒިޔާ އެކަޑެމީގެ ޓްރެއިނިންގ ޕްރޮގްރާމްތަކަށް އެހީވާން ނިންމައިފައިވާކަމަށް އުރީދޫއިން ބުނެއެވެ.
މާޒިޔާ ވަނީ މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ. މި ސީޒަނުގައި މާޒިޔާ އަންނަނީ ލީގުގައި ތަފާތު ދައްކަމުންނެވެ. މީގެ އިތުރުން މާޒިޔާއިން މިއަހަރުގެ އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ވެސް ވާދަ ކުރާނެއެވެ.
މާޒިޔާ އެކަޑެމީއިން ވަނީ މިދިޔަ އަހަރު އިންޑިއާގައި 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބޭއްވި އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ޗެމްޕިއަންކަން ހޯދައިފައެވެ. މިއީ މުބާރާތުގައި ރާއްޖޭގެ އެކަޑަމީއަކުން ބައިވެރިވި ފުރަތަމަ ފަހަރުކަން
ފާހަގަ ކޮށްލެވެއެވެ. މުބާރާތުގައި އިންޑިއަން ސުޕަ ލީގު އަދި ބޮޑެތި ފުޓުބޯޅަ އެކަޑަމީތަކުން ވެސް ބައިވެރިވެއެވެ.