ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 18:23
ސްޕްރިމްކޯޓު
ސްޕްރިމްކޯޓު
ޕީޖީ
ސިއްރު ހެއްކާބެހޭ ބައި އުނިކުރުމަށް ޕީޖީ އިން ސުޕްރިމް ކޯޓަށް ހުށަހަޅަން ނިންމައިފި
ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުޞޫލު، ޤާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެނޭ
ސިއްރު ހެއްކާ ބެހޭ ބައި އުނިކުރުމަށް ހުށަހަޅަން ނިންމީ ކުރީގެ އުއްތަމަ ފަނޑިޔާރު މިނިވަންވުމާއި ގުޅިގެން

ސިއްރު ހެއްކާ ބެހޭ ބައި އުނިކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން (ޕީޖީ) އިން ސުޕްރިމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ޕީޖީން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުޞޫލު، ޤާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އެޤަޟިއްޔާގެ އެބައި (ޤާނޫނު މާނަކުރުމުގެ ބައި) ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އިޖުރާތު ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއިއެކު، ޤާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ޤާނޫނު އެކުގައި ކިޔާއިރު ސިއްރު ހެކިބަހުގެ އުޞޫލު ރަނގަޅުކަމަށް ނުފެންނާތީ ޙުކުމުގެ އެބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ސިއްރު ހެއްކާ ބެހޭ ބައި އުނިކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ސުޕްރިމް ކޯޓަށް ހުށަހަޅަން ނިންމާފައިމިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ދައުރުގައި ޖަލަށް ލެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކުރި ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދަޢުވާ ސާބިތުވެ ކުރި ޙުކުމް، ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެންނެވެ.

ހޯމަ ދުވަހު ހައިކޯޓުން ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް، ފޯނު ނުދިން ކަމަށް ބުނާ މައްސަލައިގައި، ޢަދުލު އިންސާފު ޤާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ، އިއްވާފައިވާ ޙުކުމް ބާޠިލު ކުރުމާއެކު މިނިވަންވެވަޑައިގަތީއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިޢުނާފުކުރިތާ ދުވަސްތަކެއް ވެފައިވާއިރު، ހައިކޯޓުން އެ މައްސަލަ ނިންމައި، ހޯމަދުވަހު ކުރި ޙުކުމްގައި ކަނޑައެޅީ ކުރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށެވެ.

ޤާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދަޢުވާއަކާއި، ރަސްމީ ހައިޞިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދަޢުވާގެ އިތުރުން ތަޙުޤީޤަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދަޢުވާއާއެކު ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ޔާމީނުގެ ދައުރުގައި ވަނީ ގިނަ ދަޢުވާތަކެއް އުފުލާފައެވެ.

- ކޮމެންޓް