މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ފަށައިފިއެވެ.
މިއީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މި މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ. އަދި ރައީސް ޔާމީނުގެ ފަރާތުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާ ދެއްވުމަށް ހައިކޯޓުގައި އެދިފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވާކަމަށް ނިންމައި، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް، އަދި ފަހުން އެފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި 36 މަސް ދުވަސް ވަންދެން އިންވެސްޓްކޮށްފައިދާ ހޯދާފައިވާތީ، އެފައިސާ ދައުލަތަށް ނަގާ ދިނުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.
ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 3.4 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައުލަތައް ނެގުމުގެ އަމުރެއް ނެރެދިނުމަށް ކަމަށް އެނގިފައިވެއެވެ.