ކްލަބް އޭދަފުށީގެ ކޯޗަކަށް ހަމައްޖެއްސި މަޝްހޫރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތީ) ގެ އިރުޝާދުގެ ދަށުން އޭދަފުށިން އެޓީމުގެ ޕްރެކްޓިސްތައް ފަށައިފިއެވެ.
ކްލަބް އޭދަފުށިން ބުނީ ސާންތީގެ އިރުޝާދުގެ ދަށުން އެޓީމުން އެކިއެކު މުބާރާތްތަކުގައި ވާދަކުރާނެ ކަމަށާއި އޭގެ ތެރޭގައި އެފްއޭ ކަޕާއި ޖަޒީރާ ޗެމްޕިއަންޝިޕް ހިމެނޭ ކަމަށެވެ.
ސާންތީގެ އިރުޝާދުގެ ދަށުން އޭދަފުށިން މިހާރަނަށް ތިން ޕްރެކްޓިސް ކުރިޔަށް ގެންގޮސްފައިވާއިރު ސާންތި ބުނީ އޭދަފުށީ ކުޅުންތެރިންނާއި ނުލާ ގައުމީ ޓީމު ފުރިހަމަ ނުވާނެ ކަމަށާއި ގައުމީ ޓީމުގައި އަބަދުވެސް އޭދަފުށީގެ ކުޅުންތެރިން ފިޔަ ޖަހަމުންދާނެ ކަމަށެވެ.
ސާންތީ ވަނީ މީގެ ކުރިން ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމުގެ މަގާމު އަދާކޮށްފައެވެ. އެގޮތުން 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ސާންތީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރިއިރު، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރު ކުރުމުގައި ސާންތީގެ ހިއްސާ ބޮޑެވެ. މީގެ އިތުރުން ކްލަބް އީގަލްސް އާއިއެކު ސާންތީ ވަނީ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އެގޮތުން ކްލަބް އީގަލްސް ފުރަތަމަ ޑިވިޝަނުގައި އެއްލެވެލްއެއްގައި ބޭއްވުމަށް އޭނާކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. ސާންތީ އެންމެ ފަހުން ފެނިގެންދިޔައީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރގެ މަގާމުންނެވެ. އޭ ލައިސަންސް ނަގާފައިވާ ސާންތި އަަކީ ޒުވާން ކުޅުންތެރިން ފުޓްބޯޅަ ދަނޑަށް ނެރުމުގައި ވެސް ފާހަގަކުރެވޭ ކޯޗެކެވެ.
ފުޓުބޯޅައިގެ ފޯރި ގަދަ އޭދަފުއްޓަކީ ސާންތީ ހަވާލުވި ފުރަތަމަ އަތޮޅުތެރޭ ރަށެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އުފެއްދި ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އޭދަފުށީގައި ސާންތީ ވަނީ މީގެ ކުރިންވެސް މަސައްކަތްކޮށްފައެވެ. އެގޮތުން އަތޮޅު ފުޓުބޯޅަ ޕްރޮޖެކްޓްގެ ދަށުން އޭނާ ކުރި މަސައްކަތް ފާހަގަ ކޮށްލެވެއެވެ.
ސާންތީ އޭދަފުށީގެ ކޯޗުކަމުގެ މަގާމާއި ހަވާލުވީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.