ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 07:52
އިންޑިޔާގެ ކުރެހުންތެރިއެއް ކުރަހާފައިވާ ރައީސް ސޯލިހުގެ ކުރެހުމެއް ހަދިޔާކުރަނީ
އިންޑިޔާގެ ކުރެހުންތެރިއެއް ކުރަހާފައިވާ ރައީސް ސޯލިހުގެ ކުރެހުމެއް ހަދިޔާކުރަނީ
ރައީސް އޮފީސް
އިންޑިއާ
އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ރައީސް ބައިވެރިވެވަޑައިގެންފި
މި ޙަފްލާގައި އިންޑިޔާގެ ކުރެހުންތެރިއެއް ކުރަހާފައިވާ ރައީސް ސޯލިހުގެ ތަސްވީރެއް، އެމަނިކުފާނަށް ވެދުމަށް އަރުވާފައިވޭ
މި ހަފްލާގައި އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވޭ

އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ދަރުބާރުގޭގައި އާދީއްތަ ދުވަހު ބޭއްވި މި ޙަފްލާ ކުރިޔަށް ގެންގޮސްފައިވަނީ ދެޤައުމުގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ އެކިއެކި ބައިތައް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިޙަފްލާގައި ނައިބު ރައީސް ފައިޞަލް ނަސީމްގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސަންޖޭ ސުދިރު ބައިވެރިވެވަޑައިގެންފައިވެއެވެ. މި ޙަފްލާގައި އިންޑިޔާގެ ކުރެހުންތެރިއެއް ކަމަށްވާ ހެމަނަންތް ކުމާރް ކުރަހާފައިވާ ރައީސް ސޯލިހުގެ ތަސްވީރެއް، އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެއެވެ.

އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ޙަފްލާގައި 2018 ވަނަ އަހަރުން ފެށިގެން އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވާއިރު އިންޑިޔާގެ އިތުރުން ރާއްޖޭގެ ބައެއް ފަންނާނުން މިޙަފްލާގައި މިއުޒިކީ ހުށައެޅުންތައްވެސް ހުށައަޅާފައިވެއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެޤައުމުގެ ޤާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.

- ކޮމެންޓް