މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ރާއްޖެއިން މީހަކު ޝައްކު ކުރެވިއްޖެ ކަމަށްވާނަމަ އަދި މީގެ ކޭސްއަކަށް ޓެސްޓް ކުރެވިއްޖެ ކަމަށްވާނަމަ ވަގުތުން ވަގުތަށް އެމަޢުލޫމާތު ޢާންމު ރައްޔިތުންނާއި ހިއްސާކުރާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސް އާއި ގުޅޭގޮތުންނާއި މިބައްޔަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރާއި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިކަމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި އުނދަގޫތައްވެސް ދުވަހުން ދުވަހަށް ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިވަގުތު ރާއްޖޭގައި މިވައިރަސް އަށް ޝައްކުކުރެވޭ މީހަކު ނެތްކަމަށެވެ. އަދި މި ވައިރަސްގެ އަސަރުކޮށްގެން މީހަކަށް ފަރުވާ ދޭންޖެހޭ ޙާލަތަކަށް އަދި ނުދާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ނަމަވެސް މިބައްޔަށް ފަރުވާދިނުމަށް ތައްޔާރީތައް ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިވަގުތުގެ ތައްޔާރީތަކަކީ ކްލިނިކަލީ ހޮސްޕިޓަލު މެދުވެރިކޮށް ފަރުވާދޭނެ ފަރުވާއަށް ހޮސްޕިޓަލް ތައްޔާރުވެފައި ވަނީ. ވަކިން ގެންގުޅޭ މީހާއަށް ދޭންޖެހޭ ފަރުވާތައް ވަކިން ގެންގުޅޭ އިންތިޒާމުތައްވެސް ހަމަޖެހިފައި މިވަނީ. އިތުރަށް ތައްޔާރުވާންޖެހެނީ އާދަޔާ ޚިލާފަށް އިތުރުވާ ހާލަތަކަށް ތައްޔާރުވާން ޖެހޭ ޖެހުން. އެގޮތުން އެހެން އައިސޮލޭޝަންގެ ގޮތުގައި ތަންތަން ގާއިމުކޮށް އެތަންތަނުގައި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތް ކުރަންޖެހެނީ. ޚިދުމަތްތެރިންގެ ގޮތުގައި މީހުން އިތުރަށް ހޯދުމަށް ތައްޔާރުވާންޖެހެނީ.ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
މިނިސްޓަރ ވިދާޅުވީ މިބަލި ރާއްޖެ އައިސް ފެތުރުމުގެ ފުރުޞަތު ނުދިނުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅުއްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިބަލި ފެތުރިއްޖެނަމަ ބޭނުންކުރަންޖެހޭ މާސްކު އެސްޓީއޯގެ ސްޓޮކްގައި ހުރިކަމުގެ ޔަޤީންކަން އެސްޓީއޯއިން ދޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މިހަފުތާގެ ބުދަދުވަހާ ހަމައަށް އަންނައިރު އެސްޓީއޯގެ ސްޓޮކްގައި ހަތަރު ލައްކަ މާސްކު މަދުވެގެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިވައިރަސް އާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޝާމިލުވެ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ އެއްގޮތައްކަމަށެވެ. އެގޮތުން މިހާރުގެ ޙާލަތަށް ބަލާ ކަމެއް ދިމާވެއްޖެނަމަ ދެން ހޯދަންޖެހޭ ވަޞީލަތްތަައް ހޯދުމާއި އިތުރަށް ފަންނީ މީހުން ހޯދަން ބޭނުންވެއްޖެނަމަ ފަންނީ މީހުން ހޯދުމާއި ނުވަތަ ޞިއްޙީ ޚިދުމަތްތެރިން ހޯދަންޖެހިއްޖެ ނަމަ ހޯދުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިވަގުތު އަދި އޮތީ ޕެނިކް ވާންޖެހޭ ހާލަތެއްގައެއް ނޫން. ނަމަވެސް ބައްޔަކީ ނުރައްކާތެރި ބައްޔެއް. ވަރަށް ހަލުއިކޮށް ފެތުރޭ ބައްޔަކަށްވާތީ މިއިން ރައްކާތެރިވުމަށް ސަރުކާރު ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. ފަރުދީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ މުހިންމު ކަމެއް. އެގޮތުން ބަލީގެ އަލަމާތްތައް ދެނެގަތުމާއި މިފަދަ ބައްޔަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފަންނީ ބޭފުޅުންގެ އެހީގައި ވީހާވެސް ބޮޑަށް މައުލޫމާތު އެނގިގެން ތިބުމަކީ މުހިންމުކަމެއް.ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
މީގެއިތުރުން މިބައްޔަށް ޓެސްޓް ކުރުމުގެ އިންތިޒާމު ޑަބްލިޔު އެޗް އޯ މެދުވެރިކޮށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މުޅި ދުނިޔޭގައިވެސް މިބައްޔަށް ޓެސްޓް ކުރެވޭ ފެންވަރުގެ ލެބޯރެޓަރީ ހުންނަ ދެ ޤައުމުކަމަށްވާ ހޮންގ ކޮންގ އާއި ނެދަރލެންޑްސް އަށް ސާމްޕަލް ފޮނުވައިގެން ޓެސްޓް ތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާއިންނެވެ. ނަމަވެސް މިހާރު އެވައިރަސްގެ އަސަރު ދުނިޔޭގެ 10 ށް ވުރެ ގިނަ ޤައުމުން ވަނީ ފެނިފަ އެވެ. ޗައިނާއަކީ ރާއްޖެއަށް ގިނަ ޢަދަދެއްގެ ޓޫރިސްޓުން އަންނަ ޤައުމަކަށް ވާތީ ރާއްޖޭގެ ވައިގެ ބަނދަރުތަކުގައި އެހެން ބަނދަރުތަކުގައި މިބައްޔަށް ސްކްރީންކުރުމުގެ ކަންކަން ކުރަމުން އަންނަކަމަށެވެ.