އަނިޔާވެރިކަމާއި ބަދަލު ހިފުން އިސްނުކުރައްވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ހޯމް އެފެއަރޒް މިނިސްޓަރު އިމްރާން ޢަބްދުﷲއަށް ޝުކުރު އަދާކުރައްވައިފި އެވެ.
އާދިއްތަ ދުވަހު ހޯމް މިނިސްޓަރު އިމްރާނަށް ޝުކުރު އަދާކުރައްވައި ރައީސް ނަޝީދު ޓްވީޓެއް ކުރައްވާފައި މިވަނީ، މާފުށި ޖަލުގައި ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް، މީގެކުރިން ޖަލަށްލި ކުރީގެ ރައީސުންނަށް ލިބިލެއްވި ހިދުމަތަށްވުރެ ރަނގަޅު ޚިދުމަތެއް ރައީސް ޔާމީނަށް ފޯރުކޮށްދެއްވަމުން ގެންދަވާކަމަށް އިމްރާން ވިދާޅުވެފައިވާތީ އެވެ.
އާދިއްތަ ދުވަހު ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން ޙުކުމް ތަންފީޒު ކުރައްވަމުންދަނީ ރައީސް ޔާމީނުގެ ސަރުކާރުގައި، ރައީސް ނަޝީދާއި ރައީސް މައުމޫން ނުޙައްޤުން ބަންދުކޮށްފައި ބެހެއްޓިތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ.
ސަރުކާރު ކޯލިޝަންގެ އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މިނިސްޓަރު އިމްރާން އެގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވީ، ރައީސް ޔާމީނާ މެދު ޖަލުގައި ޢަމަލު ކުރަމުންދަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައިވާތީ އެވެ.
ރައީސް ޔާމީން ހުންނެވި ޖަލު ޔުނިޓަކީ އެމަނިކުފާނުގެ ވެރިކަމުގައި ހެއްދެވި އުނިޓެކެވެ.
ހޯމް މިނިސްޓަރު އިމްރާނުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވެސް ވަނީ އަދުރޭގެ ވާހަކަތައް ދޮގުކޮށްފައެވެ. ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ" އަށް ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް ޖަލުން ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު، ސިޔާސީ ގިނަ ފަރާތްތަކެއްގެ މައްޗަށް ދިގު މުއްދަތަށް ޖަލަށްލުމަށް ވެސް ޙުކުމްތައް ކޮށްފައި ވެއެވެ. އަދި އެކިއެކި އެއްވުންތަކާއި މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.