ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 07:18
ހޮންކޮންގ ގެ ލީޑަރ ކެރީ ލެމް
ހޮންކޮންގ ގެ ލީޑަރ ކެރީ ލެމް
ރޮއިޓަރސް
ކޮރޯނާވައިރަސް
ހޮންގ ކޮންގގައި އެމަރޖެންސީ އިއުލާންކޮށް ޗައިނާއަށް ކުރަން އޮތް ދަތުރުތައް މަޑުޖައްސާލައިފި
 
މިވައިރަސްގެ އަސަރުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 122 މީހަކު ހޮންކޮންގ ގައި ތިބިކަމަށް އެގައުމުން ބުނޭ
 
ހޮންކޮންގ އިން ވަނީ ކޮރޯނާވައިރަސްގެ އަސަރު އެގައުމުގެ 5 މީހަކަށް ކޮށްފައިވާކަމަށް ބުނެފައި
 
ފެބްރުއަރީ މަހުގެ 17 އާ ހަމައަށް ސްކޫލްތައް ބަންދުކުރުމަށް ވަނީ ނިންމާފައި

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އާ ގުޅިގެން ހޮންގ ކޮންގގައި ވައިރަސްގެ އެމަރޖެންސީ އިއުލާންކޮށް ޗައިނާއަށް ކުރަން ހުރި ދަތުރުތައް މަދުކުރުމަށް އެގައުމުގެ ލީޑަރ ކެރީ ލެމް ގޮވާލައްވައިފި އެވެ.

ޗައިނާއިން ކޮރޯނާވައިރަސް ފެނުނު ސިޓީކަމުގައިވާ ވުހާން އިން ހޮންކޮންގ އިން ކުރުމަށް ހަމަޖެހިފައިވާ ފްލައިޓް އަދި ރޭލް ދަތުރުތައް ވަނީ މަޑުޖައްސާލާފަ އެވެ. މީގެއިތުރުން ޗައިނާގެ އައު އަހަރާ ދިމާކޮށް ސްކޫލްތައް ބަންދުކޮށްފައިވާއިރު ފެބްރުއަރީ މަހުގެ 17 އާ ހަމައަށް ސްކޫލްތައް ބަންދުކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެއިތުރުން ޔުނިވަރސިޓީތަކުގެ ކުދިންގެ ޗުއްޓީ އިތުރުކުރުމަށްވެސް އޮފިޝަލުން ވަނީ އެދިފައެވެ.

ހޮންގ ކޮންގ އިން ވަނީ ކޮރޯނާވައިރަސްގެ އަސަރު އެގައުމުގެ 5 މީހަކަށް ކޮށްފައިވާކަމަށް ބުނެފައެވެ. މިހުރިހާ މީހުންވެސް ގުޅިފައިވަނީ މިވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން އާއެވެ. މީގެއިތުރުން މިވައިރަސްގެ އަސަރުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 122 މީހަކު ހޮންކޮންގ ގައި ތިބިކަމަށް އެގައުމުން ބުނެއެވެ.

ހޮންކޮންގ ގެ ލީޑަރު ކެރީ ލެމް ވަނީ ޗައިނާއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅާއި އައު އަހަރު ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތައް ކެންސަލްކުރައްވާފަ އެވެ. ނަމަވެސް ޗައިނާއަށް ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން މެދުކަނޑާލުމަށް ގޮވާލާފައިވާ ގޮވާލުންތަކާ ގުޅޭގޮތުން ލެމް ވިދާޅުވީ ޗައިނާއަށް ކުރަން ހުރި ހުރިހާ ދަތުރުތަކެއް މެދުކަނޑާލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މީގެއިތުރުން ލެމް ވަނީ އިތުރު މާސްކު ހޯދުމަށް ޗައިނާގެ އެހީތެރިކަމަށް އެދިވަޑައިގަންފައެވެ. ކޮރޯނާވައިރަސްގެ އަސަރު އެންމެ ފުރަތަމަ ހޮންގ ކޮންގ އިން ފެނިފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު 39 އަހަރުގެ މީހެއްގެ ގައިންނެވެ. އޭގެފަހުން ހޮންގ ކޮންގ އިން ވަނީ އެއަރޕޯޓާއި ރެއިލް ސްޓޭޝަންތަކުގައި ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތް ފަށާފަ އެވެ.

އަދި ހޮންކޮންގ ގެ އެތައް ބަޔަކު އަންނަނީ އޮފީސްތަކުގައާއި އާންމު ތަންތަނުގައި މާސްކު ބޭނުންކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް