ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަހުޖަނު ޤާސިމް އިބްރާހީމަކީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ލީޑަރެކެވެ. ޤައުމަށް ވެސް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ފަޚުރުރުވެރި އެތައް މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، ފިނޭންސް މިނިސްޓަރު ކަމާއި، ހޯމް މިނިސްޓަރުކަން އަދި އެމްއެމްއޭގެ ގަވަރުނަރުކަން، ކުރެއްވުމުގެ އިތުރުން، ދިވެހި ފައިސާގައި ސޮއިކޮށްލަން ލިބިލެއްވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ސިޔާސީ ލީޑަރެކެވެ.
ސިޔާސީ ލީޑަރަކަށް ވިޔަސް ތިމާއަށް ނުވާވަރުގެ ބައެއް ކަންކަން ހުންނާނެތާއެވެ. އަދި ތިމާއަކީ ބޮޑު މަހުޖަނަކަށް ވިޔަސް، ނުވާނެކަންތައްތައް ހުރެދާނެ ކަމަށް ޤަބޫލު ކުރަންޖެހެ އެވެ.
ޖުމްހޫރީ ޕާޓީއަކީ އައު ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ދެ އިންތިޚާބުގައި ވެސް ވާދަކުރި ޕާޓީއެކެވެ. ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެވެ. ޤާސިމް ކުރިމަތި ނުލައްވާ ރިޔާސީ އިންތިޚާބަކަށް ބޭއްވީ އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބު އެކަންޏެވެ. އެއީ 2018 ގައި ބޭއްވި އިންތިޚާބުގައި ޤާސިމް ވާދަކުރެއްވެން ނެތީ އެވެ. ހުންނަވަން ޖެހިވަޑައިގެންނެވީ ޖަލުގައި ކަމަށްވާތީ، ފުރަތަމަ ކުރައްވަންޖެހިވަޑައިގެންނެވީ ޖަލުން ސަލާމަތް ވުމުގެ މަސައްކަތެވެ.
އައު ޤާނޫނުއަސާސީގެ ދަށުން 2008 ގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކާމިޔާބު ހޯއްދެވީ އޭރުވެސް ރައީސްކަމުގެ މަޤާމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އޭރުގެ އިދިކޮޅު ލީޑަރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެވެ. ޤާސިމް ވާދަކުރެއްވިނަމަވެސް ފެއިލްވީ އެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ބަދަލުކުރަން އެދި، "ބަދަލަކަށް" ރައްޔިތުން ގޮވަމުންދިޔައިރު، ދެން ޤާސިމަށް އޮތް ހަމަ އެކަނިގޮތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާޢީދު ކުރުމެވެ.
ޤާސިމެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ވެސް ހަމަ ތިޔަ ވިދާޅުވާ "ފަތިވަރު" ވިދާޅުވަމުން ގެންދެވީމު ނޫންތޯ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު އެންމެ 22 ދުވަހުގެ ތެރޭގައި މަޤާމުން އިސްތިޢުފާ ދެއްވާ، ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނިކުންނެވީމު ނޫންތޯ އެވެ. އަދި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުނީ ބޮޑު ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ތިމަންނާ ވެސް އެމްޑީޕީއާ ކޯލިޝަން ހެދީ އާދޭސްކޮށްގެން ކަމަށް ވިދާޅުވާއިރު، އެކަންކުރެއްވީ ތިމާވެސް ރައީސް މައުމޫން ވެރިކަމުން ދުރުކުރަން ބޭނުންވެގެން ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. އެއީ އެމްޑީޕީން ނުވަތަ ރައީސް ނަޝީދު އާދޭސް ކޮށްގެން 2008ގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދިއިރު، 2013 ގައި އެމްޑީޕީން ނުވަތަ ރައީސް ނަޝީދު އާދޭސް ކުރެއްވުމުން ކޯލިޝަން ނުހެއްދެވީ ކީއްވެތޯ އެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ނުވަތަ ޕީޕީއެމާއެކު ކޯލިޝަން ހެއްދެވީ ކީއްވެތޯ އެވެ.
ޤާސިމްގެ ރުހުން ހޯއްދެވުމަށް ޤާސިމް އަރިހަށް ވަޑައިގެން ނުކުންނެވުމަށް ފަހު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި، ގާސިމް ވެސް ދެއްވި އިންޓަވިއުއިން އެމްޑީޕީއާ ކޯލިޝަން ހައްދަވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ރައީސް މައުމޫން ޤާސިމާ ބައްދަލުކުރެއްވި ހިސާބުން ޕީޕީއެމާ ކޯލިޝަން ހެދުމަށް ނިންމިކަން އެނގުނެވެ.
ޤާސިމެވެ. ޕީޕީއެމާއެކު ހެދި ކޯލިޝަންވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިޔައީ ހަމަ "ތޮޅިއަށް" ވެގެން ނޫންތޯ އެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު، ޤައުމު ހަލަބޮލިކޮށް ގަޑުބަޑު ކުރައްވަމުން ގެންގޮސް، ބޮޑު ބަޣާވާތެއް ކުރިނަމަވެސް، ރައީސް ޔާމީން ހުންނެވީ ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލައްވައިގެން އަދި ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤައުމު ބާއްވައިގެން ނަމަވެސް ވެރިކަން ކުރައްވާށެވެ.
ޤާސިމެވެ. 2018 ގެ ރިޔާސީ އިންތިޚާބާ ޖެހުނުއިރު، މަނިކުފާނާއި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގަ ނޫންތޯ އެވެ. މަނިކުފާނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުނީވެސް، އެއް ކެނޑިޑޭޓެއް ނެރެން ކުރި މަސައްކަތުގެ ތެރެއިން އިދިކޮޅު ސިޔާސީ ލީޑަރުން ކުރި މަޝްވަރާތަކުގެ ތެރެއިން ނޫންތޯ އެވެ. އާދޭސް ކުރެއްވިއްޔޭ ވިދާޅުވާއިރު، ތިމާއާއި ތިމާގެ ދަރިފުޅު ޖަލުން ސަލާމަތްކޮށް، އަދި ނުޙައްޤުން ޖަލަށްލާފައިވާ އެންމެން ސަލާމަތް ކުރުމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީ އެމްޑީޕީން ކުރި މަސައްކަތް ކުޑައީތޯ އެވެ.
"އިހަށް ދުވަހު ކޯލިޝަން ހަދަން ކުރި އާދޭހާއި ޖެހި ސަލާމާ އެއްޗެހި ކޮބައިތޯ؟ ސަރުކާރެއް ލިބިވަޑައިގަތީ ކިހިނެތްކަން އެމަނިކުފާނު ހަނދުމަފުޅު ނެތީތޯ؟" މިހަފުތާގައި ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ޤާސިމް ވިދާޅުވި އެވެ.
ޤާސިމެވެ. އޮޅިއްޖެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި މަނިކުފާނާއި، މަނިކުފާނުގެ ދަރިކަލުން އަދި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދަރިކަނބަލެއްގެ ފިރިކަލުން ޖަލަށްލީއިރު، ރައީސް ނަޝީދާއި މުޅި އެމްޑީޕީން ވެސް މަސައްކަތް ކުރީ އެބޭފުޅުންނާއި ނުޙައްޤުން ޖަލަށް ލާފައިތިބި އެންމެން ޖަލުން ސަލާމަތްކޮށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބާއްވާ، ޤައުމު ހަމަ މަގަށް އެޅުވޭތޯ އެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް، ރިޔާސީ ކެންޑިޑޭޓަކަށް އެއް ކެނޑިޑޭޓް ކަނޑައަޅުމުން، ދެން ޤަސިމް އަރިހަށް އާދޭސް ކުރަން ދާންޖެހޭ ސަބަބެއް އެބައޮތްތޯ އެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދު ކުރުން ފިޔަވާ ދެން ޤާސިމަށް އޮތީ ކޮން ޗޮއިސެއް ތޯ އެވެ. އޭގެންވެސް ޤާސިމަށް ކުރީ ފައިދާ ނޫންތޯ އެވެ. ހަނގު އަނބިކަނބަލުންނަށް ވަޒީރުކަން ލިބިލެއްވިއިރު، ދެބާރު މަސްހުނިވުން ނޫންކަމެއް ވެއްޖެތޯއެވެ.
"މަނިކުފާނު ތި ހީކުރައްވަނީތޯ މި ހަތަރު ލައްކައަށްވުރެ ގިނަ މީހުންގެ ޙައްޤުތައް ހަމައެކަނި ތި ޕާޓީގެ ތިބި 40،000 އެއްހާ މީހުންނަށް ބަހާލަން ދީފައިފައި ހުރި އެއްޗެއް ކަމެއްތޯއޭ ތި ހީޕުޅުކުރައްވަނީ. ބަލަ މޮޔަފުޅުވީ ކޮން އިރަކުތޯ؟" ޤާސިމް ވިދާޅުވި އެވެ.
ޤާސިމެވެ. ވެރިކަމާ ހެދި މޮޔަފުޅު ވެގެން އުޅޭ ބޭފުޅުން ރައްޔިތުންނަށް އޮޅިގެނެއް ނޫޅެއެވެ. ސަރުކާރު ކޯލިޝަނުގައި އޮވެ، އިދިކޮޅު ޕާޓީއާއެކު ކޯލިޝަން ހަދައިގެން އުޅުނު ޕާޓީއަކީ ކޮބައިކަން ރައްޔިތުންނަށް އެނގެއެވެ. އަދި ސަރުކާރު ކޯލިޝަނުގައި އޮވެ، ސަރުކާރާ ދެކޮޅަށް ޙަރާތްތައް ހިންގާތަން ވެސް ކުރިއަށް އޮތްތާނގައި ފެންނާނެ ކަމަށް ބެލެވެއެވެ.
ތިހާ އަމިއްލަ އެދުމެއް ނެތްނަމަ، ސަރުކާރު ކޯލިޝަނުން ވަކިވެ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފައްޓަވަންވީ ނޫންތޯ އެވެ. ކޮންމެ ގޮތެއްވިޔަސް އަންނަ ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރައްވާނެ ކަމަށް މިވަނީ ބެލެވިފަ އެވެ. ކެމްޕެއިން މިހާރުވެސް އެވަނީ ފައްޓަވާފަ އެވެ. އަދި ކުރިއަށް އޮތްތާނގައި ސަރުކާރަށް ފާޑުކިޔުން ނޫންކަމެއް ޤާސިމް ކުރައްވަން އޮންނާނެ ހެނެއް ހިޔެއް ނުވެއެވެ. މިވަގުތު އަނބިކަނބަލުން ވަޒީރުކަމުގައި ހުންނެވިޔަސް އަދި ޖޭޕީއަށް ނިޞްބަތްވާ ގިނަ ބަޔަކު ސިޔާސީ މަޤާމުތަކުގައި ތިއްބެވިޔަސް ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް ކަންކަން ވަމުންދާގޮތް ރައްޔިތުން ތިބީ ބަލާށެވެ.
ޤާސިމެވެ. ރިޔާސީ އިންތިޚާބުގައި މަނިކުފާނުގެ އަރިހަށް އާދޭސްކުރަން ދާންނުޖެހޭނެ ގޮތެއް އެބައޮތެވެ. ޤާނޫނުއަސާސީއަށް ބަދަލު ގެނެސް، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން މިކަން ނިންމާލެވިދާނެ އެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވާ ކެންޑިޑޭޓަކީ އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓުކަން އިޢުލާންކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ޙަވާލު ކުރެވިދާނެ އެވެ. އެކަން އެގޮތަށް ކުރަން ޤާސިމް ރުހޭނަމަ، އެއްވެސް ކެންޑިޑޭޓެއް ޤާސިމުގެ އަރިހަށް އާދޭސް ދަންނަވަން ވަޑައިގަންނަވަން ނުޖެހޭނެ ނޫންތޯ އެވެ. މިހާތަނަށް ޤާސިމް ވާދަކުރެއްވި ރިޔާސީ އިންތިޚާބުތަކުގައި ޤާސިމުގެ ވަނަ އަކީ ތިން ވަނަ ނޫންތޯ އެވެ. ތިންވަނަ އަކީ ރިޔާސީ އިންތިޚާބުގައި އޮންނަ އެއްޗެއް ނޫނެވެ.
ޤާސިމެވެ. ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން އެކަން ނިންމާލާނަމަ، ކޯލިޝަނަކާ ނުލާ، ނުވަތަ ޤާސިމާ ނުލާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ އެމްޑީޕީއަށް އެހާ އުނދަގޫ ކަމެއް ނޫންނެވެ. މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބުތަކާއި އަދި ޢާންމު އިންތިޚާބުތަކަށް ބަލާއިރު، އެކަން ވަރަށް ސާފުކޮށް އެއޮތީ ފެންނާށެވެ. ކެމްޕެއިން ކުރުމަކީ ހުނަރެކެވެ. އާދޭސް ކުރާ ވާހަކަ، "މޮޔަފުޅުވާ" ވާހަކަ، އަދި "ލާދީނީ" ވާހަކައިން އަރައިގެން، އެނޫން ގޮތަކަށް ކެމްޕެއިން ކުރަން ވެއްޖެ ނޫންތޯ އެވެ. ރައްޔިތުންނަށް އެއްޗެއް ވިއްކަން ނިކުންނަވާއިރު، ނުގުޅޭ ވާހަކަ ދައްކަވާނަމަ އެކަމަށް ރައްޔިތުންގެ މާބޮޑު ޝައުޤެއް ނުހުންނާނެ ނޫންތޯ އެވެ. އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއީ، ޤާސިމަށް ވެސް އަދި އިދިކޮޅު ކޯލިޝަނަށް ވެސް ރަނގަޅު ފިލާވަޅެއް ނޫންތޯ އެވެ. އެމްޑީޕީން މަޖިލީހުގެ 87 ގޮނޑީގެ ތެެރެއިން 65 ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ ސުޕަރމެޖޯރިޓީ ހޯދާފައިވަނީ، ސީދާ އެމްޑީޕީން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ސިޔާސީ ލީޑަރުންގެ އަރިހުން އާދޭސް ކުރަމުން ހިނގުމަށްވުރެ، ރައްޔިތުންގެ އަޑުއަހާ އެމީހުންގެ އިހުސާސްތަކާ އެއްގޮތަށް ކަންކަން ކުރުމުން އެމްޑީޕީއަށް ލިބޭ ކާމިޔާބު މާވަރުގަދަވެފައި ފޮނި ނޫންތޯ އެވެ.
ޤާސިމެވެ. ދަނޑުގައި ހުންނަވާ، އިދިކޮޅަށް ކުޅުއްވަން އުޅުއްވާނަމަ، ކުރިންވީގޮތަށް "ބޯވަތަށް" ވެއްޓިވަޑައިގެންނެވުމަކީ ދުރުކަމެއް ނޫނެއް ނޫންތޯ އެވެ.