ފިލިޕިންސްގެ އަވަށެއް ކަމަށްވާ ބަޓަންގިސް ޕްރޮވިންސްގައި ހުންނަ އަލިފާން ފަރުބަދަ ގޮވަން ކައިރިވެފައިވާ ކަމުގެ އިންޒާރުދީފިއެވެ.
ޕިލިޕންސްގެ ސަރުކާރުން ވަނީ ޓާލް ނަމަކަށްކިޔާ އަލިފާން ފަރުބަދަ ގޮވަން ކައިރިވެފައިވާކަން އިއުލާންކޮށްފައެވެ. އަދި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެސަރަހައްދުދޫކޮށް ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިއަލިފާން ފަރުބަދަ ދީރާސާކުރާ ފަރާތްތަކާއި ހަވާލީ އަލްޖަޒީރާގައި ބުނީ ޓާލް އަލިފާން ފަރުބަދަ ކޮންމެ ވަގުތެއްގައި ވެސް ގޮވާފާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. ނަމަވެސް އެސަހަރައްދުގައި ދިރިއުޅޭ އާންމުން އެސަރަހައްދު ދޫކޮށް ދިއުމަށް ދެކޮޅު ހަދަމުންދާ ކަމަށެވެ.
ސައިންސްވެރިން ބުނާ ގޮތުގައި އެފަރުބަދައިން މިއަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން ދަނީ ލާވާ ފައިބަމުންނެވެ. މިއަލިފާން ފަރުބަދަ ގޮވާފިނަމަ އެސަރަހައްދުގެ ފެން ވަރަށް ބޮޑަށް ތަގައްޔަރުވެ އެއްގަމުގެ ދަތުރުފަތުރާއި، ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑު ހުއްޓުމަށް އަންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.
އެހެންކަމުން ލަސްނުކޮށް އެސަރަހައްދުގައި ދިރިއުޅެމުންދާ އާންމުން އެސަރަހައްދު ދޫކޮށްދިއުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. މީގެ ކުރިން އަލިފާން މިފަރުބަދަ 30 ފަހަރު ގޮވާފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.