ރާއްޖޭގެ ބިން ބިދޭސީންނަށް ނުވިއްކޭ ގޮތަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މަތީ އުމުރެއް ނުބޭއްވުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހުތައް ހުށަހަޅަން އެމްޑީޕީގެ ގައުމީ މަޖިލީހުން ބުދަ ދުވަހުގެ ރޭ ފާސްކޮށްފި އެވެ.
މި އިސްލާހުތައް ގެންނަން ފެންނަ ކަމަށް ގައުމީ މަޖިލީހުން ފާސްކުރީ ބައިވެރިވެވަޑައިގެންނެވި 37 މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގެންނާނެ ބަދަލުތައް ކަނޑައެޅުމަށްޓަކައި އެމްޑީޕީން ކަނޑައަޅާފައިވާ ކޮމިޓީގެ މުގައްރިރު، އަދި މާލޭގެ މޭޔަރު މުހައްމަދު ޝިހާބު ގައުމީ މަޖިލީހުގައި ވިދާޅުވީ މިވަގުތުން މިވަގުތަށް ގެންނަން ފެންނަ އެންމެ މުހިންމު ދެ އިސްލާހަކީ ބިދޭސީންނަށް ބިން ވިއްކުން ހުއްޓުވުމާއި ރިޔާސީ އިންތިހާބުގައި 65 އަހަރުން މަތީ ބޭފުޅުންނަށް ވާދަ ނުކުރެވޭ ގޮތަށް އޮތް ގާނޫނު ހަމަ ނައްތާލުން ކަމަށެވެ.
ޝިހާބު ވިދާޅުވީ ހުށަހަޅާނެ އިސްލާހުތައް ދިރާސާކުރަމުން ދިޔައިރު ފާހަގަ ކުރެވުނު ބައެއް ކަންކަން އެބަ ހުރި ކަމަށާއި ލީކްވި އަޑެއްގައި ވަކި ބޭފުޅަކަށް [ސައުދީ ވަލީއަހްދު މުހައްމަދު]، ރަށް މިލްކުކޮށްދޭ ވާހަކަ އެބަ އޮތް ކަމަށެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދެއް ވެސް އާންމު ވޯޓަކަށް ނުގޮސް، ރާއްޖޭގެ ބައެއް ދޫކޮށްލެވޭނެ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް ހުށަހަޅާ ގޮތަށް ކޮމިޓީއަށް ފެނުނީ. ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ރާއްޖޭގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ނޫން ކަމަށް ކަނޑައެޅިދާނެ. އެހެންވެ އެކަން އެގޮތަށް ވިޔަ ނުދިނުމަށް ހުށަހަޅަން ކޮމިޓީއަށް ފެނޭ،" ޝިހާބު ވިދާޅުވި އެވެ.
"ރައްޔިތުންގެ ބަސް ނުބުނެ، ރާއްޖޭގެ އެއްވެސް ބައެއް ނުވިއްކޭނެ ގޮތަށް، އަދި ރާއްޖޭގެ ސަރަހައްދެއް އެއީ ރާއްޖޭގެ ސަރަހައްދެއް ނޫން ކަމަށް، ރައްޔިތުންގެ ބަހެއް ނެތި ކަނޑަނޭޅޭނެ."
ބިން ވިއްކުމުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވަނީ، ސައުދީ ޝާހީ އާއިލާއަށް ފ. އަތޮޅުން ބައެއް ވިއްކާލަން އުޅޭކަމުގެ އަޑުތައް ފެތުރިގެން ދިއުމުންނެވެ. ބިދޭސީންނަށް ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ ފ. އަތޮޅު ސައުދީ ޝާހީ އާއިލާއަށް ވިއްކުމުގެ ގޮތުން ކަމަށް، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ލީކްވެފައިވާ އޯޑިއޯއެއްގައި ވިދާޅުވެފައިވެ އެވެ.