މި ސީޒަން ނިމުމުގެކުރިން އަނިޔާއިން ސަލާމަތްވެ އެނބުރި އަންނާނެކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް ބުނެފިއެވެ.
22 އަހަރުގެ ފޯވާޑަށް އަނިޔާވީ އިނގިރޭސި އެފްއޭ ކަޕްގައި ވުލްވްސް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި އޭނާ ކުޅެންއެރުވިތާ 15 މިނެޓުތެރޭގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަޝްފޯޑަށް އެނބުރި ކުޅުމަށް އާދެވޭނީ ދެމަސް ދުވަސް ފަހުންނެވެ. އަދި އޭނާގެ އަނިޔާ ސީރިއަސްކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެގަނަ ޝޮލްޝަޔާ ވެސް ވަނީ ބުނެފައެވެ. ނަމަވެސް ރަޝްފޯޑް ސޯޝަލް މީޑިއާގައި ބުނީ އޭނާ މި ސީޒަން ނިމުމުގެކުރިން ކުޅުމާއި ގުޅޭނެ ކަމަށާއި އަދި ޔުނައިޓެޑް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން ނިންމަން އެހީވާނެ ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗު ޝޮލްޝަޔާ ވަނީ މީގެކުރިން ރަޝްފޯޑް އަނިޔާގައި ހުއްޓައި ނުކުޅުވާނެ ކަމަށާއި އޭނާ އަނިޔާއިން ސަލާމަތްވާން ބޭނުންވާ މުއްދަތު ދޭނެ ކަމަށެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވުލްވްސް މެޗުގައި ޝޮލްޝަޔާ ރަޝްފޯޑް ކުޅެންއެރުވީ އަނިޔާގައި ހުއްޓައެވެ. މި ކަމަށް ރައްދުދެމުން ޝޮލްޝަޔާ ބުނީ ވުލްވްސް މެޗުގައި ރަޝްފޯޑް ބެންޗުން ކުޅެން އެރުވީ އޭނާ އަނިޔާގައި ހުރުމުން ނޫންކަމަށާއި އޭނާ އެ މެޗުގެ ކުރިން އޮތް ފަރިތަކުރުންތަކުގައި ވެސް އެކަހަލަ
ވާހަކައެއް ނުދައްކާ ކަމަށެވެ. އަދި އެމެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ނުހިމެނީ އޭނާ ކައިރީގައި އަހާފައި ކަމަށް ޝޮލްޝަޔާ ބުންޏެވެ.
ރަޝްފޯޑްވަނީ މި ސީޒަންގައި ޔުނައިޓެޑަށް މިހާތަނަށް 19 ލަނޑު ޖަހާދީފައެވެ. މިވަގުތު އެ ޓީމްގެ އެންމެ ފޯމުގައި ހުރި ފޯވާޑަކީ ވެސް އޭނާއެވެ. ޝޯލްޝަޔާ ބުނީ މި ސީޒަންގައި ޔުނައިޓެޑަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓީމްގެ މުހިންމު ކުޅުންތެރިންގެ އަނިޔާތައްކަމަށާއި، މިއީ ކޮންމެ ކޯޗަކަށްވެސް ދިމާވެދާނެ އުނދަގޫ ހާލަތެއްކަމަށާއި ނަމަވެސް ޔުނައިޓެޑުން ބަލާނީ މިހާލަތުން ޓީމު ސަލާމަތްވެ ކުރިޔަށް ހުރި މެޗުތަކުން މޮޅުވާން ކަމަށެވެ.