ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހަށް ތާވަލު ކޮށްފައިވާއިރު، މަސީހު މަގާމުން ބޭރުކުރުމަށް މެމްބަރުންނަށް ހިތްވަރު ދިނުމަށްޓަކައި، އަދި ރައްޔިތުން ތިބީ މެމްބަރުންނާއެކުގައި ކަން ދެއްކުމަށްޓަކައި ވީހާ ވެސް ގިނަ ރައްޔިތުން މާލެ އެރުމަށް ގޮވާލާ އެމްޑީޕީން ގަރާރެއް ފާސްކޮށްފި އެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ގަރާރު ފާސްކުރީ 37 މެމްބަރުންގެ އިއްތިފާގުންނެވެ.
ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި މެމްބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ދާއިރާތަކުގެ ރައްޔިތުން ވަރަށް ބޮޑަށް ހިތްވަރު ދޭންޖެހޭ ކަމަށެވެ.
ގައުމީ މަޖިލީހުގެ މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ބަރުލަމާނީ ނިޒާމާއި ޑިމޮކްރަސީ އަދި ހެޔޮވެރިކަން ވެސް ހަރާބުވެ، ހަލާކުވެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ސަބަބުން ކަމަށެވެ. އެހެންވެ، މަސީހް މަގާމުން ދުރުކުރަންޖެހޭ ކަމަށް ގައުމީ މަޖިލީހުގެ މެމްބަރުން ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ބޭނުންވާ 42 މެމްބަރުންނަށް ވުރެ އިތުރަށް މިހާރު މެމްބަރުން ހަމަވެފައިވާ ކަމަށާއި މަސީހު ވަކިކުރުމަކީ "މިހާރު ނިމިފައިވާ ކަމެއް" ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބުނަނީ މަސީހް މަގާމުން ދުރު ނުކުރެވޭނެ ކަމަށެވެ.
މަސީހުގެ ވޯޓާ ދިމާކޮށް މެމްބަރުންނަށް ބިރު ދައްކަމުންދާއިރު، އެ ބިރަށް ފަހަތަށް ޖެހިވަޑައިނުގެން ރައްޔިތުންގެ ހައްގުގައި ތެދުވުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.