ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލާ ގުރޫޕްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ވިލާއަށް އަންގާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ.
މީރާގެ ޑިރެކްޓަރ ޖެނަރަލް އެންފޯސްމަންޓް ފާތިމަތު އަމީޒާ ސޮއިކުރައްވާ ވިލާ ޝިޕިންއަށް ބުދަދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ތ. އެލާއާއި ގުޅިގެން ވިލާ ގުރޫޕުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ޝިޕިންއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުންދޭ ބައެއް ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމާއި، ވިލާ ޝިޕިންގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.
ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޤާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީން ތާއީދު ކޮށްފައިވާ ކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ވިލާގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ބުނި ގޮތުގައި، ބޭންކު އެކައުންޓްތައް ފްރީޒްކުރުމުގެ އިތުރަށް، މުދާ އެތެރެކުރުމާއި ބޭރުކުރުން ހުއްޓުވައި، އަދި ކަސްޓަމްސްގެ އެހެން ހިދުމަތްތަކާއި އިމިގްރޭޝަންގެ ހިދުމަތްތައް ވެސް ދިނުން ވަނީ މެދުކަނޑާލާފަ އެވެ.
މީރާ އިން ފޮނުވި ސިޓީގައިވާ ގޮތުން ތ. އެލާގެ ބިމު ކުލީގެ ގޮތުގައި 3.7 ޑޮލަރު (58.1 މިލިއަން ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރު (225.5 މިލިއަން ރުފިޔާ) އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ 226،351 އެމެރިކާ ޑޮލަރު (3.4 މިލިއަން ރުފިޔާ) މީރާއަށް ދައްކަންޖެހެ އެވެ. އެއީ ޖުމުލަ 18.6 މިލިއަން އެމެރިކާ ޑޮލަރު (286.8 މިލިއަން ރުފިޔާ) އެވެ.
"ވީމާ އެ ފިޔަވަޅުތަކުން ތިޔަ ކުންފުނި ވީއްލޭނީ ތިޔަ ކުންފުނިން ދައްކަވަންޖެހޭ މަތީގައި ބަޔާންކޮށްފައިވާ ފައިސާ އެއްކޮށް ދައްކަވާ ހަލާސް ކުރެއްވުމުން ނުވަތަ އެފައިސާ ދެއްކެވުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް ވަޑައިގެންނެވުމުން ކަމުގައި ދަންނެވީމެވެ،" ސިޓީގައި ބުނެފައިވެ އެވެ.
މީރާއިން ވިލާގެ އެކައުންޓްތައް ފްރީޒު މިކުރީ ސިވިލް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމާފައި އޮތް ތ. އެލާގެ މައްސަލައިގައި، ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުން އަންގާރަ ދުވަހު ބާތިލުކުރުމާ ގުޅިގެންނެވެ. ހައިކޯޓުން ނިންމީ، ތ. އެލާ އަތުލާފައިވަނީ ރަނގަޅަށް ކަމަށެވެ.
ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އެލާ ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވިލާ ކުންފުންޏާއެކު ހަދާފައިވާ އެމެންޑެޑް އެންޑް ރީ ސްޓޭޓް އެގްރިމަންޓް އުވާލީ 12 ޑިސެމްބަރު 2013 ގައި ސޮއިކޮށްފައިވާ ސެޓުލްމަންޓް އެގްރީމަންޓް އުވާލި އުވާލުން އަސާސަކަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީން ވިލާއަށް އަންގާފައިވާ އެންގުމަކީ އެއްބަސްވުމާ ހިލާފު ބާތިލް އެންގުމެއް ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
ވިލާގެ އެކައުންޓްތައް ފްރީޒު މިކުރީ ވިލާއަށް ބޮޑު ރާޅެއް އަރާނެ ކަމަށް މި ހަފުތާގައި ގާސިމް ވިދާޅުވެފައި ވަނިކޮށެވެ. އެކައުންޓަތައް ފްރީޒު ކުރިޔަސް ރަށްތައް ނެގިޔަ ފަރުވާލެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރެވޭނެ ކަމުގެ ޔަގީންކަށް އޮތް ކަމަށް އެމްބ
މީގެ ކުރިން 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާ އަށް ތައްޔާރުވަމުން ަނިކޮށް، ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހޭ 99 މިލިއަން އެމެރިކާ ޑޮލަރު ނުދައްކާ ކަމަށް ބުނެ އެފަހަރު ވެސް ވިލާ ގުރޫޕުގެ އެކައުންޓްތައް ފްރީޒްކޮށްފައިވެ އެވެ. އޭރުވެސް ވިލާއިން ބުނަމުންދިޔައީ ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ.