މިއަހަރު ނިމިގެންދާއިރު 50 ފުޓުބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގުރާމުގައި ވާހަކަ ދައްކަމުން މިނިސްޓަރ މަޚްލޫފް ވިދާޅުވީ ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ތެރޭގައި 12 ފުޓުބޯޅަ ދަނޑު އެޅިގެންދާނެ ކަމަށާއި، މިއަހަރުގެ މެދާއި ހަމައަށްދާއިރު 37 ރަށުގެ މަސައްކަތް ނިމިގެންދާނެ ކަމަށާއި އަދި އަހަރު ނިމިގެންދާއިރު 50 ދަނޑުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ މަޚްލޫފް ވިދާޅުވީ ރަށްތަކުގައި ތަރައްޤީކުރާ ފުޓުބޯޅަ ދަނޑުތަކަކީ ހަމައެކަނި ފުޓުބޯޅަ ކުޅުމަށް އަޅާ ދަނޑުތަކެއް ނޫންކަމަށާއި، އެ ދަނޑު ތަކުގައި އަންހެން ފިރިހެން ދެ ޖިންސްގެ ބޭފުޅުންގެ އެކިކަހަލަ ބޭނުމަށް ބޭނުން ކުރެވިގެންދާނެ ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ ދުޅަހެޔޮ ހަށިހެޔޮ ރައްޔިތުންތަކެއް ރަށްތަކުގައިވެސް ދިރިއުޅުން ކަމަށާއި އެކަމަށް މި އެޅޭ ދަނޑުތަކުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.
މިނިސްޓަރ މަޚްލޫފް އިތުރަށް ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ގަލޮޅު ދަނޑުގައި ކްލަބުތަކުން ކުޅޭއިރު ދަނޑު ނުފުރޭނެ ކަމަށާއި އެހެން ނަމަވެސް މަސައްކަތްތަކެއް ކޮށްފިނަމަ ގައުމީ ޓީމު ކުޅޭއިރު ދަނޑު އަދިވެސް ފުރާލެވޭނެ ކަމަށެވެ. އެހެންކަމުން މާލެ ކައިރީގައި މިއެޅޭ ދަނޑުތަކުގެ ބޭނުންހިފައި ޕްރިމިއަރ ލީގުގެ މެޗުތައް މި ދަނޑުތަކަށް ބަދަލުކޮށްލުމުން ރަށްތަކުގެ ރައްޔިތުން ނިކުމެ އަދިވެސް މެޗު ބަލަންދާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުތައް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.