އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮވެ ލީގު ނިންމައިލުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި އެކަމަށް ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށް ދާދިފަހުން އާސެނަލް އާއި ގުޅުނު ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާސެނަލްއާއި އާޓެޓާ ގުޅުނުއިރު އެޓީމުން އާޓެޓާއަށް ދިން ޓާގެޓަކީ ލީގުގެ ގަދަ ހަތަރެއްގައި މުބާރާތް ނިންމައިލައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެޓީމަށް ފުރުސަތު ހޯދައިދިނުމެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމަށް އާސެނަލްއަށް އޮތީ ދެ ގޮތެކެވެ. އެއީ ޔޫރަޕާ ލީގު ކާމިޔާބުކޮށްގެން ޗެމްޕިއަންސް ލީގުން ޖާގަ ހޯދުން ނުވަތަ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ.
ޗެލްސީއާއި އާސެނަލް މިރޭ ކުޅޭ މެޗުގެ ކުރިން އާޓެޓާ ބުނީ ޗެލްސީ އަތުން މޮޅުވުން އެއީ މުހިންމު ކަމެއް ކަމަށާއި އެއީ އެޓީމުން ގަދަ ހަތަރެއްގައި ހިމެނިގެން އެޓީމު ލީގު ނިންމަން ބޭނުންވާތީ ކަމަށެވެ. މީގެ އިތުރުން އާޓެޓާ ބުނީ ލީގު ނިމެން އަދި ހަތަރު މަސް ދުވަސް އެބައޮތް ކަމަށާއި އެހެން ކަމުން ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށެވެ.
އާޓެޓާ އާސެނަލްއާއި ގުޅުނު ފަހުން މި ސީޒަނުގައި އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން އެޓީމުވި ބައްޔެވެ.
އާސެނަލްއިން މިވަގުތު ލީގު ތާވަލުގެ 10 ވަނައިގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 29 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލާއި އާސެނަލްއާއި
ދެމެދު 35 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. ލީގު ތާވަލުގެ ހަތަރު ވަނައިގައި ޗެލްސީއިން އޮތީ ކުޅުނު 23 މެޗުން ލިބުނު 39 ޕޮއިންޓާއެކުގައެވެ.