ފ.ނިލަންދޫގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމުގެ އެއްބަސްވުމެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ނިލަންދޫ ސްޕޯޓްސް ކްލަބާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.
އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމް ގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން ޖަވާޒް (ޖަވާ)އެވެ. ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ފަރާތުން ސޮއިކުރީ ކްލަބްގެ ރައީސް އަންވަރު ޢަލީއެވެ.
މިއެއްބަސްވުމުގެ ދަށުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއެކަޑަމީ ކުރިޔަށް ގެންދިއުމުގެ ގޮތުން އެކަޑަމީގެ ބައިވެރިންނަށް ބޭނުންވާނެ ޖާރޒީއާއި ބޯޅަ ފަދަ ތަކެއްޗާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭއިރު ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ފަރާތުން އެކަޑަމީ ހިންގުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެކަޑަމީއަށް ބޭނުންވާނެ ކޯޗުންނާއި އެޑްމިނިސްޓްރޭޓިވް މީހުން ހޯދުމާއި ކޮންމެ ހަފްތާއެއްގައިވެސް ވަކިވަރަކަށް ސެޝަންތައް ކުރިޔަށް ގެންދިއުމާއި އަހަރަކު އެއްފަހަރު މުޅި ފާފު އަތޮޅަށް ހުޅުވާލައިގެން މުބާރާތެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން އެކަޑަމީގެ އެޑްމިނިސްޓްރޭޓިވް އެންމެހާ މަސައްކަތްތަކެއްވެސް ބަލަހައްޓާނީ ނިލަންދޫ ސްޕޯރޓްސް ކްލަބުންނެވެ.
ފީފާ އެޓޯލް ޕްރޮޖެކްޓް ފާފު އެޓޯލް ޓްވާރޑްސް ފިއުޗާރގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއެކަޑަމީގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް މިފުރުސަތު މިހާރުވަނީ ނިލަންދޫ ސްޕޯރޓްސް ކްލަބުން ހުޅުވާލާފައެވެ. އުމުރުން 5 އަހަރު ފުރި 16 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށްވެސް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އޮތްއިރު އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރެއް ގޮތުގައި މަސައްކަތް ކުރައްވާނީ ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ)އެވެ.
ނިލަންދޫ ސްޕޯރޓްސް ކްލަބުން މިހާރު މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް އެކަޑަމީގެ މަސައްކަތްތައް ފެއްޓުމަށެވެ. އެގޮތުން އެކަޑަމީ ހިންގުމަށް ބޭނުންވާ ބައެއް ސާމާނު މިހާރުވަނީ ނިލަންދޫއަށް ގެނެސްފައެވެ.