Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 23:35
އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އޭޕީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އޭޕީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރު
"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
ގައުމުގެ މަސްލަހަތަށްޓަކައި އަންނަން ޖެހުނު ފިޔަވަޅެއް މިއީ
ގެންނަންވީ ބަދަލުތައް ލިސްޓްކޮށް ތައްޔާރުވަމުން މިދަނީ
މަސައްކަތްތައް ކުރިއަށް ގެންދާނީ ޚިޔާލުތަފާތުވުންތަކަށް ޖާގަ ދީގެން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ބޭނުންވާ އަދަދަށް ވުރެ ގިނައިން މެންބަރުން ލިބިފައިވާ ކަމަށާއި އިތުބާރުގެ މައްސަލަ ނިމިފައިވާ ކަމަށް އެއްކޮށް މަސައްކަތް ކުރަމުންދާ ޕާޓީތަކުން ބުނެފި އެވެ.

 

އިދިކޮޅު އެމްޑީޕީއާއި، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނާއި، ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވީ އެއްކޮށް އެޅި ބިންގަލުގެ މަތީގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ޕާޓީތަކުން ތައްޔާރު ކަމަށެވެ.

 

އިބޫ ވިދާޅުވީ އެމްޑީޕީއާއި، ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީ، އަދި އަދާލަތު ޕާޓީގައި އޮތީ އެއް ވިސްނުމެއް ކަމަށާއި މަސައްކަތްތައް ކުރިއަށް ގެންދާނީ ޚިޔާލުތަފާތުވުންތަކަށް ޖާގަ ދީގެން، ދޫދޭންޖެހޭ ތަންތަނުގައި ދޫދީގެން ކަމަށެވެ.

 

"އަޅުގަނޑުމެންގެ ޕްލޭން އެބައޮތް، ޕްލޭނެއްގެ ތެރެއިން މިކަން މިކުރަނީ، ޝައްކެއް މަތީ ތިބެ ކުރާ ކަމެއް ނޫން މިއީ، ޔަގީންކަމާއެކު ކުރިއަށް މިދަނީ،" އިބޫ ވިދާޅުވި އެވެ.

 

އިބޫ ވިދާޅުވީ މަޖިލިސް ރައީސްއާއި ނައިބު ރައީސް މަގާމުން ދުރުކޮށް، އެ މަގާމަށް ގެންނާނެ ބޭފުޅުންނާމެދު މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މިއީ ކުއްލިއަކަށް ތިބެފައި ކުރާކަމެއް ނޫން ކަމަށާއި ހުރިހާ ކަމެއް ވެސް ކުރިއަށްދަނީ މަޝްވަރާއާއި ރޭވުންތަކެއްގެ ތެރެއިން ކަމަށް އިބޫ ވިދާޅުވި އެވެ.

 

އިބޫ ވިދާޅުވީ ރައްޔިތުންނާއި ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން އެބަހުރި ކަމަށާއި ނަމަވެސް، މަޖިލީހުގެ ރިޔާސަތު ބަދަލުނުކޮށް އެ މަސައްކަތްތައް ކުރެވެން ނެތް ކަމަށެވެ.

 

"މެންބަރަކަށް ވާހަކަ ދައްކާނެ ފުރުސަތެއް ލިބެނީއެއް ނޫން، ބިލެއް ދިރާސާ ކޮށްލާނެ ވަގުތެއް ލިބެނީއެއް ނޫން، ސުވާލެއް ލިއްޔާ އެ ސުވާލެއް ޓޭބަލް ކުރަނީއެއް ނޫން، މި ހުރިހާ ކަމެއް މަޖިލިސް ހިންގުމުގެ ފުރިހަމަ ޒިންމާ ގާނޫނު އަސާސީން މިއޮތީ މަޖިލިސް ރައީސްގެ ބޮލުގައި އެޅިފައި، އެހެންވީމަ އެކަން ނުކުރެއްވީމަ ދެން އަޅުގަނޑުމެންނަށް ޖެހޭނީ މަޖިލީހުގެ ރިޔާސަތު ބަދަލުކުރަން،" އިބޫ ވިދާޅުވި އެވެ.

 

އިބޫ ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމަށް ފަހު ގައުމުގައި އިސްލާހުކުރަންޖެހޭ ކަންތައްތަކާއި ގާނޫނުތަކަށް ގެންނަންވީ ބަދަލުތައް ލިސްޓްކޮށް ތައްޔާރުވަމުންދާ ކަމަށާއި އެއަށްފަހު ފަހަރަކު ކަމެއް މަޖިލީހަށް ހުށަހަޅައި ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ "މިއީ އުފާވެރި ވަގުތެއް" ކަމަށާއި "މުޅި ގައުމަށް އެއް ފިޔަވަޅަކަށް އާދެވިއްޖެ" ކަމަށެވެ.

 

 

"އަޅުގަނޑުމެންނަށް މިއާދެވުނީ އެއް ފިޔަވަޅަކަށް މިހާރު، ގައުމުގެ ކަންތައްތައް އިސްލާހުކުރަން މި ނޫން ގޮތެއް ނެތް ހިސާބަށް މި އާދެވުނީ އެހެންވީމަ އަޅުގަނޑުމެން މި އިއްތިފާގުވީ ކަމަކަށް ވަކި މަސައްކަތަކަށް، ގައުމުގެ މަސްލަހަތަށްޓަކައި އަޅުގަނޑުމެން އަންނަން ޖެހުނު ފިޔަވަޅެއް މިއީ،" ފާރިސް ވިދާޅުވި އެވެ.

 

ފާރިސް ވަނީ ދައްކަމުންދާ ބިރަށް ބެލުމެއް ނެތި ހިތްވަރު ލިބިގަތުމަށް މަޖިލިސް މެންބަރުންނަށް ގޮވާލައްވާފަ އެވެ. ފާރިސް ވިދާޅުވީ މަޖިލިސް މެންބަރުން ނުފޫޒުން އެއްކިބާވެ ތިބެ މަސީހުގެ ވޯޓް ދެއްވައިފިނަމަ ކާމިޔާބުވާނެކަން ޔަގީންކުރައްވާ ކަމަށެވެ.

 

ފާރިސް ވިދާޅުވީ މެންބަރުންނަށް އަމަލުކުރެއްވިފައިވާ ގޮތުން ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ. އެހެން ނަމަވެސް، ދައުރުގައި ބާކީ އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ހޯދިދާނެ ކަމަށާއި، ރައްޔިތުންނާއި ގައުމަށްޓަކައި ހިތްވަރު ކުރަންޖެހޭ ކަމަށް ފާރިސް ވިދާޅުވި އެވެ.

 

ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރައްޔިތުންނަށް ދެމުންދާ އަނިޔާ އިން ރައްޔިތުން ސަލާމަތްކުރެވޭނީ މަޖިލިހަށް ކަމަށެވެ. އެކަން ފާހަގަކޮށް އަބްދުﷲ ރިޔާޒު ވަނީ އެންމެ ފަރުދަކަށް ވުރެ ގައުމު އިސްކުރުމަށް މެންބަރުންނަށް ގޮވާލައްވާފަ އެވެ.

 

އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ މަޖިލިސް މިހާރު ހިނގަމުންދާގޮތުން އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭކަން ހާމަވާ ކަމަށާއި ހުރިހާ ފަރާތްތައް އެއްކޮށް މަސައްކަތްކޮށްފިނަމަ ހެޔޮ ބަދަލުތައް ގެނެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް