ރާއްޖެޓީވީ އާއި ހުޅުމާލެ ފިޓްޒޯންއެކު ކުރިއަށްގެންދާ ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރާއްޖެޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ސިމާނާ އިސްމާއިލް އެވެ. ފިޓްޒޯންގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އަހްމަދު ރިޔާޒް އެވެ.
މި ޕްރޮގްރާމްއަކީ ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމަށްޓަކައި 9 ފަރާތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މިޕްރޮގްރާމްގައި މިފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދޭނެ ކަމަށާއި ދިރިއުޅުމުގެ ތަފާތު ގިނަ ތަޖްރިބާތަކެއް މިކުދިންނަށް ދަސްކޮށްދޭނެ ކަމަށް ސިމާނާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ މިއީ ބަރުދަން ލުއި ކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް ދޭ ހާއްސަ މެސެޖެއް ކަމަށާއި ފިޓްޒޯންއިން އެފަދަ ކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެއް އެބަހުރި ކަމަށެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ރާއްޖެޓީވީން ތައްޔާރުކުރާ ސައްތަ ކިލޯ ޕްރޮގްރާމުގެ ގިނަ ބައިވެރިން ސައްތަ ކިލޯއަށް ވުރެ ބަރެވެ.
މި ޕްރޮގްރާމްގައި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.