ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ސްޓްރީޓްސް އަދި މާޒިޔާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް، މާޒިޔާއިން ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.
އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މާޒިޔާއިން ވަނީ ގްރީންގެ ހާފަށް ބާރުބޮޑުކޮށް ގިނަ އެޓޭކްތަކެއް ކޮށްފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މި ލަނޑަށްފަހު ވެސް މާޒިޔާއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މިނެޓެއް ނުވަނީސް މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް ފޭދޫ އިއްބެ އެވެ. ނަމަވެސް އޭގެ ތިން މިނެޓުފަހުން އުމެއިރު ނެގި ހުރަހަކުން ގްރީންގެ އެލްސައީދު މަހްމޫދު ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި މާޒިޔާއާއި މި ޓްރާންސްފަރ މާރކެޓްގައި އަލަށް ގުޅުނު އިބްރާހީމް އައިސަމް ވަނީ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ.
އަދި މެޗުގެ 79 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު ވަނީ ހިތްގައިމު ލަނޑެއް މާޒިޔާއަށް ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި ހަމްޒާ ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 5-1 ބަދަލުކޮށްލާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާއަށް ދެ ލަނޑު ކާމިޔާބުކޮށްދިން ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ގްރީންގެ ކޯޗު ސުޒައިން ބުނީ މިއީ މާޒިޔާއަށް ހައްގު މޮޅެއް ކަމަށާއި، އެޓީމުން ބާކީ ތިން މެޗު އޮއްވާ ލީގު ޗެމްޕިއަންކަން ނެގުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. މިއީ އެޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ސުޒައިން ބުންޏެވެ.
މާޒިޔާގެ ކޯޗު މަރްޖާން ސެކުލޮސްކީ ބުނީ އޭނާގެ ޓީމަށް މި ކާމިޔާބީއަކީ ހައްގު މޮޅެއް ކަމަށާއި ނަމަވެސް އިސް ކުރާނީ ފެއަރ ޕްލޭ ކަމަށެވެ.
މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ލިބުނީ 18 މެޗުން 47 ޕޮއިންޓް ހަމަކުރުމާ އެކު، އެންމެ ގާތުގައި އޮތް ކްލަބް އީގަލްސް އަށް ދެން އެ އަދަދު ހަމަކުރެވޭނެ ގޮތެއް ނެތުމުންނެވެ.