ކ. މާލެ
|
22 މާރޗް 2017 | ބުދަ 23:21
ގުޅިފައިވާ ޕާޓީތަކުން ބުދަދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް
ގުޅިފައިވާ ޕާޓީތަކުން ބުދަދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް
އަޒުމޫން އަހުމަދު
މަސީހު ވަކިކުރުން
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
މެންބަރުންނަށް އެކި ހުށަހެޅުން އެބައާދޭ. އެކިކަހަލަ ފިއްތުންތައް އެބައާދޭ. އެކިކަހަލަ އިންޒާރު އެބަލިބޭ.
އަޅުގަނޑުމެން ޤަބޫލުކުރަން ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ކަމަށް
މިސަރުކާރުން ކޮށްފާނެ އެންމެ އަނިޔާވެރި ކަންތައްތަކާމެދު އަޅުގަނޑުމެން ދެނަހުރީމު

ގުޅިފައިވާ ޕާޓީތަކުން ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓުލުމުގެ ކުރިން ކޮށްފާނެ ކަންތައްތަކަކަށް ތައްޔާރަށް ތިއްބެވި ކަމަށާއި ޕްލޭން ބީއެއް ވެސް އެބައޮތް ކަމަށް އެޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތައް ކަމުގައިވާ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިމަހުގެ 27 ވަނަ ދުވަހު މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ކަންތައްތަކެއް ހިނގާފާނެ ކަމަށާއި މެންބަރުންނަށް ތަފާތު ކަންތައްތަކަކާ ކުރިމަތިލާން ޖެހުމަކީ ފެންނަ މަންޒަރުތަކަށް ބަލާއިރު ގާތް ކަމަކަށް ވާތީ އެކަންކަމަށް ތައްޔާރުތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން ގުޅިފައިވާ ޕާޓީތަކުން ވިދާޅުވީ މަސައްކަތްކުރަމުން ދަނީ އެކަންކަން އެނގިތިބެގެން ކަމަށެވެ. އެ ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވީ މިއަދުގެ ޙާލަތަކީ އެއީ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

ފާރިސް ވިދާޅުވީ މިހާރު މިއޮތް ހާލަތަށް ބަދަލު ގެންނަން ޖެހޭކަމުގެ އިތުރު ހެކި އެދައްކަވަނީ އެފަރާތުން [ސަރުކާރުން] ކަމަށެވެ.

"ސިޔާސީ ނުފޫޒުގެ ތެރެއިން ކަންކަން ނިމިގެންދާ ތަން މިފެންނަނީ. ވަކި ކޮމިޝަނެއް ނެތް. ވަކި އިދާރާއެއް ނެތް. ސަރުކާރުގެ ވަކި އޮފީހެއް ނެތް. ކޮންމެ ތަނަކުން ވެސް މިއަންނަނީ ސިޔާސީ ގޮތުން އަންނަ އެންގުން ތަކެއް. މިނިވަންކަމާއެކީގައި ވިޔަފާރިކުރުން ވެސް މިރާއްޖޭގައި މިހާރު އޮތް ކަމަކަށް ގިނަ މީހުން ޤަބޫލެއް ނުކުރޭ. އަޅުގަނޑުމެންގެ ތެރެއިން އެކި މެންބަރުންނަށް އެކި ހުށަހެޅުން އެބައާދޭ. އެކި ކަހަލަ ފިއްތުންތައް އެބަ އާދޭ. އެކި ކަހަލަ އިންޒާރު އެބަ ލިބޭ. މިކަމުގައި ދެން އަޅުގަނޑުމެން ބެލިއިރުގައި 42 އެއީ ހިސާބު ޖެހިއިރުގައި ހާޒިރުވެ ވޯޓު ދޭން ޖެހޭ އަދަދު. ﷲ ގެ އިރާދަފުޅުން އެއަށްވުރެ ގިނައަދަދަކަށް އަޅުގަނޑުމެންނަށް ތާއީދު އެބައޮތް. އިރާކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެއަށްވުރެ ބޮޑު އަދަދަކުން ކާމިޔާބު ލިބޭނެ. އެހެން ނަމަވެސް ބާކީ އޮތް 5 ދުވަހުގެ ތެރޭގައި އެކިކަހަލަ ކަންކަން ހިނގާނެ. އެކި މެންބަރުންނާމެދު އެކި ތުހުމަތު ކުރެވި ނޫނިއްޔާ ހަޤީގަތެއް ނެތް ކަންކަމާމެދުވެސް އެކި ކަހަލަ ކަންކަން ހިންގާނެ،" ފާރިސް ވިދާޅުވިއެވެ.

އެކަންކަމަށް ކިހާވަރަކަށް ތައްޔާރުތޯ އާއި އެކަން ހައްދުފަހަނައަޅާ ހިނގައްޖެނަމަ ދެވަނަ ޕްލޭނެއް އެބައޮތްތޯ ރާއްޖެ އެމްވީން ދެންނެވުމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި  ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް ވިދާޅުވީ ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ޕްލޭން ބީވެސް އެބައޮތް ކަމަށެވެ.
 

"އަޅުގަނޑުމެންގެ ޕްލޭން ބީ އެބައޮތް އެނގޭތޯ. އަޅުގަނޑުމެން ޤަބޫލުކުރަން ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ކަމަށް އެނގޭތޯ. މިސަރުކާރުން ކޮށްފާނެ އެންމެ އަނިޔާވެރި ކަންތައްތަކާމެދު އަޅުގަނޑުމެން ދެނަހުރީމު. އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާ އެބަކުރަން. އަދި އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު އަބަދުވެސް ޤަބޫލު ކުރަނީ ހައްޤަށް ނަސްރު ލިބޭނެ ކަމަށް" ރިޔާޒް ވިދާޅުވިއެވެ.

- ކޮމެންޓް