މިގައުމުގައި ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެ ވެސް ކުރީގައި ކަމަށާއި އިދިކޮޅު ފަރާތްތަކުން މި ދައްކާ ވާހަކަތަކަކީ މި ސަރުކާރަށް ކުރާ ހަސަދަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަކާ ދުވަހަކުވެސް ޕީޕީއެމް އިން ނުގުޅޭނެ ކަމަށާއި އެހެން ނަމަވެސް މިއަދު މި ފެނިގެންދަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރި ފަރާތްތަކުން އެޕާޓީއަށް ގުޅޭ މަންޒަރު ކަމަށެވެ.
" އިބިލީހަށްވެސް ބައެއް ފަހަރު އިންސާނާ އަނބުރާ ނުލެވޭ ކަންކަމުގައި، އިންސާނާ އަނބުރާލާނީ، ހަމައެހެން އިންސާނެތް. އެހެން ކަމުން ބައެއް ކަހަލަ ފިކުރުތަކުގަ އަޅުގަނޑުމެން މިތިބީ އިބިލިހަށް ވުރެ ވެސް ކުރީގަ. އެހެންމަ އަޅުގަނޑުމެންގެ އެ ވިސްނުގާ ފިކުރުގައި އެ ވަރުގަދަކަން އެބަ ހުރި" ރައީސް ޔާމީން ވިދާޅުވި އެވެ.
ފ އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން ފެތުރެމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ، ފ އަތޮޅު ޝާހީ އައިލާއަކަށް އިންވެސްޓް ކުރުމަށްދީފައިވަނީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ކަމަށާއި އެކަން ކުރުމުގައި ކުރީގެ ރައީސުންނާވެސް މަޝަވަރާކޮށްފައިވާ ކަމަށް ރައީސް ޑރ ވަހީދު ވިދާޅުވި ކަމަށެވެ. މިހާރުވެސް ރާއްޖޭގައި 99 އަހަރަށް ބިންތަށް ދެވިފައިވާ އިރު ކުރަން މިއުޅެނީ އާކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ބޮޑު އިންވެސްޓްމެންޓެއް ގެނައުމަށްޓަކާ ގާނޫނުތަކަށް ވެސް ބަދަލު ގެންނަންޖެހޭނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ވަކި މީހަކަށް ގާނޫނު ބަދަލު ކުރުމެއް ނޫން ކަމަށެވެ.
ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކި ކުރުމަށް އެކުރާ މަސައްކަތަކީ އެއްވެސް ހާލެއްގާ މަސީހުގެ މައްސަލައަކުން ކުރައްވަމުން ގެންދަވާ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ ސަރުކާރަށް އޮތް ހަސަދައެއްގެ ބޮޑު ކަމުން އިދިކޮޅު މެންބަރުން ކުރައްވާ ކަމެއް ކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ، ގުރުބާން ކުރާ ކަންބަޅިއެއްގެ މިސާލު ޖައްސަވާ ރައީސް ވަނީ ރައްޔިތުން މިކަންކަމަށް ހޭލުންތެރި ވާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވަނީ މިހާރު ޕީޕީއެމްގައި ތިއްބެވީ ޕީޕަލްސް އެލަޔަންސްގާ އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ކަމަށާއި އޭރުވެސް އަދި މިހާރުވެސް އެފަރާތްތަކުގެ ފިކުރަށް ބަދަލެއް ނާންނަ ކަމަށެވެ.