ސްޕެނިޝް ލަލީގާގައި ކެސެމީރޯ ކާމިޔާބުކޮށްދިން ދެ ލަނޑުން ސެވިއްޔާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހަން ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ރެއާލްގެ ޓޯނީ ކުރޫޒްއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ސެވިއްޔާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި ސެވިއްޔާގެ ޑި ޔޮންގް ލަނޑު ޖެހިނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އެއީ ލަނޑެއް ނޫންކަމަށް ވަނީ ނިންމާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލުން ގެންދިޔައީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލޫކާ ޖޮވިކްގެ އެހީތެރިކަމާއެކު ކެސެމީރޯ އެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މުނީރުގެ އެހީތެރިކަމާއެކު ލޫކް ޑި ޖޮންގްއެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެސެމީރޯ އެވެ.
މި ނަތީޖާއާއެކު ރެއާލުން ވަނީ ކުޅުނު 20 މެޗުން ލިބުނު 43 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ބާސެލޯނާ އޮތީ އެއް މެޗު މަދުން ކުޅެ 40 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 19 މެޗުން ލިބުނު 35 ޕޮއިންޓާއެކުގައެވެ.