Advertisement
ކ. މާލެ
|
22 މާރޗް 2017 | ބުދަ 21:12
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ޕީޕީއެމް ޖަލްސާ
އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަކީ 1.22 ބިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ އަމަލެއް
ސަރުކާރުން ދަނީ އެފައިސާ ހޯދުމުގެ މަސައްކަތް ކުރުން
ވަޒީރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ބަލާނަން-ރައީސް

ސަރުކާރަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގައި ކުރާ ހުރިހާ ކަމެއް ބެލުމުގެ ގާބިލްކަން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް ވ. އަތޮޅު ފުލިދޫ އިން ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ވެރިކަމެއްގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ ފެންމަތިވުމަކީ މި ސަރުކާރުން ނުހަނު ލަދުގަންނަ، އަދި ހިތާމަކުރާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެކަހަލަ ކަންކަން ހިނގުމުން ފިޔަވަޅު އެޅުމުގެ ގާބިލްކަން މިސަރުކާރުގައި އެބަ ހުރި ކަމަށް އެމަނިކާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް މީގެ ކުރީ ސަރުކާރުތަކުން،  އެ ސަރުކާރުތަކުގައި ހިނގާދިޔަ ކޮރަޕްޝަނުގެ އަމަލުތަކުގައި ފިޔަވަޅު އެޅިފައިވޭތޯ ރައީސް ވަނީ ސުވާލު އުފައްދާފަ އެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހިނގާކަން ބަލައިގަންނަ ކަމަށާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލައިން ގެއްލިދިޔަ ފައިސާ ހޯދުމަކީ އެންމެ ބޮޑު މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮއްގެން ކުރަންފެށި ކަންކަމަކީ މި ޖީލުން ފެށި މަސައްކަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ކުރީގެ ސަރުކާރުތަކުން ފެށިގެން ވެސް ހިނގަމުން އައި ކަމެއް ކަމަށާއި ކޮރަޕްޝަން ހުއްޓުވުމަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި އޮތް ނަމަ މި ސަރުކާރުގައި ވެސް އެފަދަ ބޮޑެތި ކޮރަޕްޝަންތައް ނުހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެހެން ސަރުކާރުތަކުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް މި ސަރުކާރަށް ނުބެލެނީ އެއީ އަސާސްތަކެއް ނެތް ތުހުމަތުތަކަކަށް ވާތީ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ގައުމަށް އަވަސް ތަރައްގީތައް ގެނައުމަށް ކަމަށާއި، އެކަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތަކަކީ މިސަރުކާރުން ފެށުނު ކަމެއް ނޫން ކަމަށާއި އެއީ މީގެ ކުރީ ސަރުކާރުތަކުގައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ އެހެން ނަމަވެސް އެކަމަކީ ސަރުކާރުން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ވިއަސް އެކަން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް ތުހުމަތު ކުރާ ކޮރަޕްޝަނުގެ ކަންކަމުގައި ފިޔަވަޅުނާޅާ ކަމެއް ދައްކަވާށޭ. ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ގެއްލިފަ ހުރި ފައިސާ ހޯދުމުގެ މަސައްކަތް ނުކުރައްވާކަން ދައްކަވާށޭ.  އެކަމަކު އަޅުގަނޑުގެވެސް އެވަރުގެ ގާބިލް ކަމެއް ހަމަ ހަގީގަތުގަ ވެސް ނެތް. ހުރިހާ ވުޒާރާއެއްގައި ހުރިހާ ކުންފުންޏެއްގެ ކުރާ ކޮންމެ މުއާމަލާތަކީ، ހުއްދަ ނަގައިގެން އިސްވެ ރައީސް ބަލައިގެން ކުރެވޭނެ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި މަސައްކަތް ކުރާ ވަޒީރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކަށް އެމަނިކުފާނު ހިމާޔަތް ނުދެއްވާނެ ކަމަށާއި އެފަދަ ވަޒީރުންނަން ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުން ބަލަމުންދާކަން ހާމަކޮށްފައިވާ އިރު އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ ފެންމަތިވެފައިވަނީ 2014 ވަނަ އަހަރު އެވެ. އެހެން ނަމަވެސް  އެމައްސަލަ ބަލާ އޭގެ ރިޕޯޓް މިއަދާ ހަމަޔަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އާއްމުކޮށްފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ތަފާތަކީ ކޮރަޕްޝަނެއް ހިނގައިފި ނަމަ ވަކި މީހަކަށް ނުބަލައި ފިޔަވަޅު އެޅުން ކަމަށާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް ކޮރަޕްޝަނެއް ހިނގުމުން އެންމެ އުނދަގޫ ކަމަކީ އެ ފައިސާއެއް ހޯދުމަށް ކަން ފާހަގަކުރައްވަމުން ރައީސް ވިފާޅުވީ އޭސީސީން މިހާރު ފަސާފައިވާ މަސައްކަތުން އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދޭނެ ކޮންމެވެސް ވަރެއްގެ މަގެއް ފެންނަމުންދާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް