މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން އިނގިރޭސި ޕްރިމިއާ ލީގުގައި ހޯދައިފައިވާ ކާމިޔާބުތައް ލިވަރޕޫލަށް ތަކުރާރު ނުކުރެވޭނެ ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
ކްލޮޕް މިހެން ބުނީ އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ލިވަރޕޫލުން ކުޅެންޖެހޭ މެޗުގެ ކުރިން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
ކްލޮޕް ބުނީ ފާގަސަން ޔުނައިޓެޑަށް ކޯޗުކަން ކޮށްދިން ދުވަސްވަރު އެޓީމުން ވަނީ ދުނިޔޭގެ ފުޓުބޯޅަ ޑޮމިނޭޓްކޮށްފައި ކަމަށާއި އެޓީމާއި އެއްފެންވަރުގެ ޓީމެއް އެދުވަސްވަރު ނެތް ކަމަށެވެ. ކްލޮޕް ބުނީ ފާގަސަން ޑޮމިނޭޓް ކުރިވަރަށް ފުޓުބޯޅަ ޑޮމިނޭޓް ކުރުމަކީ ކުރަން އުނދަގޫ ކަމެއް ކަމަށާއި އެކަން ކުރުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެއް ކަމަށެވެ.
ކްލޮޕް އިތުރަށް ބުނީ ފުޓުބޯޅަ އެއްކޮށް ބަދަލުވެއްޖެ ކަމަށާއި ބައެއް ކްލަބްތައް ކުރީގައި ގަދަ ބާރު ތަކުގެ ގޮތުގައި އޮތް އޮތުން ވެސް މިހާރު ބަދަލުވެފައިވާ ކަމަށެވެ. ލިވަރޕޫލުން މިހާރު ދައްކަމުންގެންދާ ކުޅުން މި ގޮތައް ދެއްކުނީ ލިވަރޕޫލުން ނިންމި ދެ ނިންމުމެއްގެ ސަބަބުންކަމަށާއި އެ ފުރުސަތު އެހެން ކްލަބްތަކަށް ވެސް އެބައޮތް ކަމަށް ކްލޮޕް ބުންޏެވެ. އަދި މިހާރު ފުޓުބޯޅައިގައި ގަދަ ބާރުތަކުގެ ގޮތުގައި ބެލެވޭނީ މާލީގޮތުން ވަރުގަދަ ކްލަބްތައް ކަމަށާއި މިހާރު ކްލަބްތަކަށް އަންނަނީ ރަނގަޅު ހާލަތުގައި އޮންނަ އޮތުމާއި ދަށް ހާލަތުގައި އޮންނަ އޮތުން ކަމަށެވެ.
ލިވަރޕޫލާއި ކްލޮޕް ހަވާލުވި ފަހުން އެޓީމަށް ހޯދައިދިން އެންމެ ބޮޑު ކާމިޔާބީއަކީ ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. މީގެއިތުރުން ލިވަރޕޫލުން ވަނީ ދާދިފަހުން ނިމިދިޔަ ކްލަބް ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ. މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރާނެ ޓީމެއްގެ ގޮތުގައިވެސް ބެލެވެނީ ލިވަރޕޫލެވެ.