ކުރިޔަށް އޮތް ސީޒަނުގައި ވެސް މެންޗެސްޓާ ސިޓީއިން ފެންނާނެ ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިސީޒަނުގައި ސިޓީއިން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗު ކަމުން ގާޑިއޯލާ މި ސީޒަނަށްފަހު ވަކިކުރާނެ ކަމަށް ބެލެވިފައިވަނިކޮށް ގާޑިއޯލާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ކުރިޔަށް އޮތް ސީޒަނުގައި ވެސް އޭނާ ފެންނާނީ ސިޓީގެ ކޯޗުގެ ގޮތުގައި ކަމަށާއި އެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.
ގާޑިއޯލާ ބުނީ ސިޓީއާއި އެކު ރެކޯޑްތަކެއް ހެދިއްޖެކަމަށާއި ސިޓީގެ ކޯޗުކަމުން އޭނާ ވަކިނުކުރާހާ ހިނދަކު އޭނާ ފެންނާނީ ސިޓީގެ ކޯޗުކަމުން ކަމަށެވެސް ގާޑިއޯލާ ބުންޏެވެ. އިތުރަށް ގާޑިއޯލާ ބުނީ ސިޓީ ކިތަންމެ ދަށް ނަތީޖާތަކެއް ނެރެމުންދިޔަ ނަމަވެސް އޭނާ ސިޓީ ދޫކޮށް ނުލާނެ ކަމަށާއި ސިޓީގައި އިތުރު ކާމިޔާބީތައް ހޯދުމަށް މަޑުކުރަން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ގާޑިއޯލާ ބުނީ އެއްވެސް ކޯޗަކު އަބަދު މެޑަލްއާއިއެކު ސީޒަނެއް ނުނިންމާނެ ކަމަށާއި ފުޓުބޯޅައިގައި އަންނާނީ މޮޅުވާ ފަހަރާއި ބަލިވާ ފަހަރު ކަމަށެވެ. އަދި ސިޓީގެ ކުޅުންތެރިންނަކީ މޮޅުވާން މަސައްކަތްކުރާ ކުޅުންތެރިންތަކެއް ކަމަށާއު ކޮންމެ މެޗަކަށް ވެސް ސިޓީއިން ނިކުންނާނީ މޮޅުވުމަށް ކަމަށެވެ.
ގާޑިއޯލާ ބުނީ މި ސީޒަނުގަ، އެޓީމުން ވި ކޮންމެ ބައްޔަކީ ކުޅުންތެރިންނަށް ހެދުނު ގޯސް ތަކުން ވި ބައްޔެއް ކަމަށާއި، އެކަން އޭނާ ގަބޫލު ކުރާ ކަމަށެވެ. އަދި
ލިވަރޕޫލަށް ވުރެ 14 ޕޮއިންޓް ފަހަތުން އޭނާގެ ޓީމު ތާވަލުގެ ދެވަނައިގައި އޮތް ކަން ޓީމުގެ މެނޭޖްމެންޓުންވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުގައި، ސިޓީން ވަނީ 2017-18 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައެވެ. އަދި އެ ޓީމު ވެގެން ގޮސްފައިވަނީ ފުރަތަމަ ފަހަރަށް 100 ޕޮއިންޓް ހަމަކޮށް ލީގު ކާމިޔާބު ކުރި ޓީމަށެވެ. ނަމަވެސް މި ސީޒަނުގައި ސިޓީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެވެ
އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި ލިވަރޕޫލުން އޮތީ ކުޅުނު 21 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ. ސިޓީއިން ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 47 ޕޮއިންޓާއެކުގައިއެވެ. ސިޓީއިން ކުޅުނު 22 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 15 މެޗުންނެވެ. އަދި ދެ މެޗުން އެއްވަރު ވެފައިވާއިރު ސިޓީ ވަނީ ފަސް މެޗުން ބަލިވެފައެވެ.