އިނގިރޭސި އެފްއޭ ކަޕްގައި މެންޗެސްޓާ ޔުނައިޓެޑް އަދި ވުލްވްސް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކޮށް, އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޖުއާން މަޓާ އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އެންތަނީ މާޝިއާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މަޓާ ފިނުވައިލި ބޯޅަ ވަނީ ވުލްވްސްގެ ކީޕަރު ހުށިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ.
އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ވޮލްވްސްގެ ރައުލް ވަނީ ނުރައްކާތެރި ހަމަލާއެއް ޔުނައިޓެޑްގެ ގޯލަށް ފޮނުވައިލައިފައެވެ. އޭނާ ބޮލުން ފޮނުވައިލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ވަނީ ހުށިޔާރު ކަމާއިއެކު ދިފާއުކޮށްފައެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މާސިއަލް ވަނީ ނުރައްކާތެރި ބޯޅަ އެއް ވޮލްވްސްގެ ގޯލަށް ފޮނުވައިލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑްގެ އެޓޭކްތައް އިތުރަށް ވަރުގަދަކުރިއެވެ. އެގޮތުން މި ހާފުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މާޝިއާލް ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން ހިފައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މަޓާއެވެ.
މި މެޗުން މޮޅުވި ނަމަވެސް ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެއީ މެޗުގެ 64 ވަނަ މިނެޓުގައި ކުޅެން އެރުވި ރަޝްފޯޑަށް އަނިޔާވެ ކުރިޔަށް ލީގުގައި އަންނަ އާދީއްތަ ދުވަހު ލިވަރޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ބެލެވޭތީއެވެ.