އިޓާލިއަން ކަޕްގައި ޔުވެންޓަސް އަދި އުޑިނޭޒީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޔުވެންޓަސްއިން ކާމިޔާބުކޮށްފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ޔުވެންޓަސްގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު މެޗުގެ 16 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރުހުރި ފޯވާޑް ގޮންޒާލޯ ހިގުއެން އެވެ. އަދި އޭގެ ދިހަ މިނެޓު ފަހުން އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ވަނީ ހިތްގައިމު ލަނޑެއް ޖަހައިފައެވެ.
މި ލަނޑަށްފަހު ވެސް ޔުވެންޓަސްއިން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އުޑިނޭޒީގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ޔުވެންޓަސްއިން ފޮނުވައިލި ހަމަލާތައް ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ޔުވެންޓަސްއިން ގެންދިޔައީ ފުލުފުލުގައި އުޑިނޭޒީގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޑިބޭލާއެވެ. މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކޮސްޓާއެވެ.
މި މެޗު ޔުވެންޓަސްއިން ކުޅުނީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ.