ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 20:15
ވެލެންސިއާ އަދި ޕީކޭ ބައްދަލުކުރި މެޗުގެ ތެރެއިން
ވެލެންސިއާ އަދި ޕީކޭ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދެވަނަ ޑިވިޝަން
ދެވަނަ ޑިވިޝަން: ޕީކޭ ބަލިކޮށް ވެލެންސިއާއިން ފެށުން ރަނގަޅުކޮށްފި
މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކްލަބް ވެލެންސިއާ އަދި ކްލަބް ޕީކޭ ބައްދަލުކުރި މެޗު ވެލެންސިއާއިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ވެލެންސިއާއިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު މި މެޗުގެ 8 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސެމިއުލް ޑެޑީ އެވެ. މިއީ ޕީކޭ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއި އެކު ޕީކޭއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު އެޓީމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ވެލެންސިއާގެ ގޯލަށް ފޮނުވައިލައިފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ޕީކޭއިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝިފާޒް އާދިލް އެވެ. މި ލަނޑާއެކު ވެލެންސިއާއިން ކުރިޔަށް ޖެހި އެޓީމްގެ އެޓޭކްތައް ވަރުގަދަކުރިއެވެ. އެގޮތުން މެޗުގެ 43 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު އަލުން ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ފައިސަލް (ފައިޓޯ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 61 ވަނަ މިނެޓުގައި ވެލެންސިއާގެ ސެމިއުލް ވަނީ ނުރައްކާތެރި ހަމަލާއެއް ޕީކޭގެ ގޯލަށް ފޮނުވައިލައިފައެވެ. އޭނާ ފޮނުވައިލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ޕީކޭގެ އަހުމަދު ހަމީދު ވަނީ ނުރައްކާތެރި ހަމަލާއެއް ވެލެންސިއާގެ ގޯލަށް ފޮނުވައިލައިފައެވެ. އޭނާ ފޮނުވައިލި ހަމަލާ ވެލެންސިއާގެ ކީޕަރު ހުށިޔާރުކަމާއިއެކު ވަނީ ދިފާއު ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު އިލްހާމް ހުސެއިން އިބްރާހީމް ބުނީ މި މެޗުގެ ނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ޓާގެޓަކީ މި މުބާރާތުގެ ޗެމްޕިއަންކަން ނެގުން ކަމަށެވެ.

ޕީކޭގެ ކޯޗު ފަރީދު މުހައްމަދު ބުނީ މި މެޗުގެ ނަތީޖާ އާއި މެދު ހިތްހަަމަ ނުޖެހޭ ކަމަށާއި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުރިޔަށް ހުރި މެޗުތައް ކާމިޔާބުކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

- ކޮމެންޓް