އިނގިރޭސި އެފްއޭ ކަޕްގައި މިޑިލްސްބަރާ އަތުން މޮޅުވެ ޓޮޓެންހަމްއިން މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ ލަނޑު ޖަހާ ލީޑު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖިއޮވާނީއެވެ. މި ލަނޑަށް ފަހު ވެސް އެޓީމުން ވަނީ މިޑިލްސްބަރާ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެރިކް ލަމޭލާއެވެ. މި ލަނޑަށްފަހު ވެސް ޓޮޓެންހަމްއިން ވަނީ މިޑިލްސްބަރާ ގޯލަށް ފުލުފުލުގައި ހަމަލާތައް އުފައްދައިފައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޖަޕެޓްއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 38 ވަނަ މިނެޓުގައި ޖިއޮވާނީ ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލާއިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި މިޑިލްސްބަރާ އިން ވަނީ މޮޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ. އެގޮތުން މެޗުގެ 83 ވަނަ މިނެޓުގައި މިޑިލްސްބަރާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯރޖް ސެވިއްލޭއެވެ.
މި މެޗަށްފަހު ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު މޮރީނިއޯ ބުނީ މި މެޗަކީ ފަސޭހަ މެޗަކަށް ނުވާނެކަން އިނގޭ ކަމަށާއި ކުޅުންތެރިން ކުރި މަސައްކަތަށް ސާބަސް ދޭކަމަށެވެ.