ކ. މާލެ
|
22 މާރޗް 2017 | ބުދަ 18:08
ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ދުނިޔޭގެ ފެނުގެ ދުވަސް
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
ރައްޔިތުން ފެނަށްޖެހުން ހުއްޓުވުމަކީ މިސަރުކާރުގެ ވަރަށް މުހިއްމު އަމާޒެއް ކަމަށް ތޯރިގް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މިވޭތުވެދިޔަ ތިން އަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ 15 ރަށެއްގައި ސާފު ބޯފެނުގެ ނިޒާމް ގާއިމް ކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

 

ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު، ސާފު ބޯފެނުގެ ނިޒާމެއް ގާއިމުކޮށް، ފެން ފޯރުކޮށްދެވިފައިވަނީ ރާއްޖޭގެ އާބާދީގެ 25 ޕަސެންޓަށް ކަމަށެވެ. އެއީ ޖުމްލަ ހަ ރަށަކަށް ކަމަށް ތޯރިގް ވިދާޅުވި އެވެ.

 

ނަމަވެސް ތޯރިގް ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގައި މިހާތަނަށް ރާއްޖޭގެ އާބާދީގެ 39 ޕަސެންޓް މީހުންނަށް ސާފު ބޯފެނުގެ ނިޒާމް ފޯރުކޮށްދެވިފައިވާ ކަމަށާއި އެއީ ޖުމްލަ 15 ރަށް ކަމަށެވެ.

 

"ސާފު ބޯފެނުގެ ނިޒާމާއެކު ރައްކާތެރި ނަރުދަމާގެ ނިޒާމެއްވެސް ރާއްޖޭގެ ރަށްރަށުގައި ބާރު ސްޕީޑްގައި ގާއިމު ކުރުމުގެ މަސައްކަތް މިސަރުކާރުން ދަނީ ކުރަމުން. ފެނާއި ނަރުދަމާއަކީ ދާދިއެކީއެކައްޗެއްގެ ގޮތުގައި ހިންގާ މަޝްރޫއަކަށްވާތީ މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 18 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާނެ،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

 

މިރަސްމިއްޔާތުގައި މިއަހަރުގެ ފެނުގެ ދުވަހުގެ ޝިޔާރާއި ލޯގޯ އަދި ލުއި ފޮތް މިނިސްޓަރު ވަނީ ތައާރަފް ކޮށްދެއްވާފަ އެވެ.

 

މިއަހަރުގެ ފެނުގެ ދުވަހުގެ ޝިޔާރަކީ "ފެންފަހި" އެވެ. ތޯރިގް ވިދާޅުވީ އެ ޝިޔާރުގެ ދަށުން މިއަހަރު ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

 

ދުނިޔޭގެ ފެނުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ 22 ވަނަ ދުވަހެވެ. އެދުވަސް 1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ދަނީ ފާހަގަ ކުރަމުންނެވެ.

- ކޮމެންޓް