ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އަދި ދަ ގްރާންޑޭ ބައްދަލުކުރި މެޗު ގްރާންޑޭއިން ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ގްރާންޑޭއިން ލީގުގެ ތިންވަނަ ބުރު މޮޅަކާއިއެކު ފަށައިފިއެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މިމެޗު ގްރާންޑޭއިން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ގްރާންޑޭއިން މޮޅަށް ކުޅުނުއިރު ގްރާންޑޭއިން ވަނީ ފުލުފުލުގައި ގްރީންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ގްރާންޑޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އޮބައިދާއެވެ. މި ލަނޑަށްފަހު ވެސް ގްރާންޑޭއިން ވަނީ ގްރީންގެ ގޯލަށް ނުރައްކާކޮށްގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ގްރާންޑޭ އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިން އޮބައިދާއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ގްރާންޑޭ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި ހާފު ފަށައިގެން ގިނައިރުތަކެއް ނުވަނީސް ގްރާންޑޭއިން ވަނީ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އޮބައިދާއެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި އޮބައިދާ ވަނީ އިތުރު ލަނޑެއް ގްރާންޑޭއަށް ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ދިހަ މިނެޓުފަހުން ގްރީންގެ މުހައްމަދު ރިސްވާން ވަނީ ގްރީންއަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑާއި އެކު ގްރާންޑޭއިން ކުރިޔަށް ޖެހިލިއެވެ. އެގޮތުން މެޗުގެ 79 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. މެޗު ނިމުމުގެ ކުރިން ގްރީންއިން ވަނީ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ގްރީންގެ ކޯޗު އަލީ ސުޒައިން ބުނީ ގްރީންގެ މާލީ ހާލަތު ދައްވުމުގެ ސަބަބުން އެޓީމު މި މެޗާއި ކުރިމަތިލީ ގިނަ ކުޅުންތެރިންތަކެއް ދޫކޮށް އާޓީމަކާއިއެކު ކަމަށާއި ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.
ގްރާންޑޭގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަަމަ ޖެހޭ ކަމަށާއި ގްރާންޑޭގެ އަމާޒަކީ ގަދަ ހަތަރަކަށް އެރުން ކަމަށާއި އެހެން ކަމުން މި ލިބުނު ތިން ޕޮއިންޓަކީ އެޓީމަށް މުހިންމު ތިން ޕޮއިންޓް ކަމަށެވެ.