ބާސެލޯނާއިން އެޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް އެމަގާމަށް ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން ހަމަޖައްސައިފިއެވެ.
ބާސެލޯނާގެ ބޯޑުން ހަތަރު ގަޑިއިރަށްވުރެ ގިނައިރު މަޝްވަރާކުރުމަށްފަހު މި ނިންމުން ނިންމައިފައިވާއިރު މިއީ 2003 ގެ ސީޒަނުގެ މެދުތެރެއިން ލުއީ ވެން ހާލް ވަކިކުރި ފަހުން ސީޒަނުގެ މެދުތެރެއިން ކޯޗަކު ވަކި ކުރި ފުރަތަމަ ފަހަރެވެ.
ބާސެލޯނާގެ އާ ކޯޗު ސެޓިއެން އަށް މިހާތަނަށް އޭނާގެ ކޯޗިން ކެރިޔަރުގައި ތަށްޓެއް ލިބިފައިނުވާއިރު އެތްލެޓިކޯ މެޑްރިޑާއި ސްޕެއިންއަށް ކުރިން ކުޅުނު ކުޅުންތެރިޔާ ވަނީ 2018 ވަނަ އަހަރު ބެޓިސް ލީގުގެ ހަވަނައިގައި ނިންމައިދީ ޔޫރޮޕާ ލީގަށް އެޓީމު ކޮލިފައިކޮށްދީފައެވެ.
މީޑިއާ ރެޕޯޓްތައް ބުނާ ގޮތުން ބާސެލޯނާއިން ސެޓިއެން އާއި މަގާމު ހަވާލުކުރީ އޭނާ އަކީ ޒަމާނުއްސުރެ ބާސެލޯނާ ކުޅެމުންއަންނަ ސްޓައިލް ދަންނަ އެޓޭކިންގ ސްޓައިލަށް ކުޅުވަމުން އަންނަ ކޯޗަކަށް ވުމުން ކަމަށެވެ. ނަމަވެސް އޭނާއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ބާސާ ފަދަ ބޮޑު ޓީމެއްގައި ނަތީޖާ ނެރެން ކުރިމަތިވާ ޕްރެޝާގެ މައްސަލައެވެ.
ބާސެލޯނާގެ ކުރީގެ ކޯޗު ވަލްވޭޑޭ ވަނީ ބާސާއަށް ސްޕެނިޝް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕް އެއް ފަހަރު ކާމިޔާބުކޮށްދީފައެވެ. އަދި މި ސީޒަނުގައި މިހާތަނަށް ބާސާއިން އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ. އޭނާ މަގާމުން ވަކިކުރީ ނަތީޖާ
އެއް ވަރެއްގައި ނުހިފެހެއްޓޭތީ އާއި ބާސާގެ ކުޅުންދަށްވުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ވަލްވޭޑޭ ގެ ބަދަލުގައި ބާސާއިން އެޓީމުގެ ކޯޗުކަމުގެ މަގާމަށް ގެންނަން ބޭނުންވީ އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒް އެވެ. ނަމަވެސް ޒަވީ ބޭނުންވީ މި ސީޒަނަށްފަހު އެޓީމާއި ގުޅެންށެވެ.