އިޓާލިއަން ލީގުގައި އޭއެސް ރޯމާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބުކޮށް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އޭއެސް ރޯމާ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ޔުވެންޓަސްއިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު މެޗުގެ 3 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެރިހް ޑެމިރަލް އެވެ. މި ލަނޑަށްފަހު ވެސް ޔުވެންޓަސްއިން ވަނީ ފުލުފުލުގައި ރޯމާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑަށްފަހު ރޯމާއިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެޓީމުގެ ފްލޮރެންޒީ އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅޫ ރޯމާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ޑިއެގޯ ޕެރޮއްޓީއެވެ. މި ލަނޑަށްފަހު ވެސް ރޯމާއަށް ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރުމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއި އެކު ޔުވެންޓަސްއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 19 މެޗުން ލިބުނު 48 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮރް ލާޒިއޯ އަށް 18 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ރޯމާ ތާވަލުގެ ފަސްވަނައިގައި އޮތީ 19 މެޗުން ލިބުނު 35 ޕޮއިންޓާއެކުގައެވެ.