އިނގިރޭސި ޕްރިމިއަރ ލީގުގަ، ބާންލީ ބަލިކޮށް ޗެލްސީން ތާވަލުގެ ތިންވަނައަށް އެރުމުގެ އުންމީދު އާކޮށްފިއެވެ.
ޗެލްސީގެ ދަނޑުގަ، ކުޅުނު މިމެޗު ޗެލްސީން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން ޗެލްސީން ފުލުފުލުގައި ބާންލީގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައިވާއިރު، މެޗުގެ 4 ވަނަ މިނެޓުގައި ޗެލްސީގެ ޖޭމްސްއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯގިންހޯ އެވެ. މި ލަނޑަށްފަހު ވެސް ޗެލްސީން ގެންދިޔައީ ފުލުފުލުގައި ބާންލީގެ ގޯލަށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓެމީ އަބްރަހަމްއެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ޖޭމްސްގެ އެހީތެރިކަމާއިއެކުގައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ގެ ނަތީޖާ އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މި މެޗުގެ 49 ވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެލުމް ހުޑްސަން-އޮޑައި އެވެ. މި ލަނޑަށްފަހު ވެސް ޗެލްސީން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ޓެމީ އަބްރަހަމަށް ވަނީ ރަނުގެ ފުރުސަތެ އްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާ ބާންލީގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.
މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި ލިވަރޕޫލް އޮތީ 21 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ. ދެވަނައިގަ އޮތް ލެސްޓަރ އަށް 22 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 21 މެޗުން 44 ޕޮއިންޓެވެ. އަދި ޗެލްސީ ތާވަލުގެ ހަތަރު ވަނައިގަ އޮތީ 22 މެޗުން ލިބުނު 39 ޕޮއިންޓާއެކުގައެވެ.