ކ. މާލެ
|
12 ޖެނުއަރީ 2020 | އާދީއްތަ 19:05
ޓީސީ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
ޓީސީ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ޓީސީ ބަލިކޮށް އީގަލްސްއިން ދެވަނަ ބުރު، މޮޅަކާއެކު ނިންމާލައިފި
މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއަރ ލީގުގަ، ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އީގަލްސްއިން މޮޅަކާއެކު ދެވަނަ ބުރު ނިންމާލައިފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލަނޑުޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮސީކޯ އޮކޮމާޓޯގެ އެހީތެރިކަމާއެކު އިތުބާރު ފޯވަރޑް އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މި ލަނޑާއިއެކު ޓީސީއިން ކުރިޔަށް ޖެހި އެޓީމުގެ ކުޅުން ރަނގަޅުކުރިއެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ޓީސީގެ މުހައްމަދު ސާދު ނިޒާރު ކުރި ކުށަކާއި ގުޅިގެން އޭނާއަށް ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ފަހު ހާފުގެ ކުރީކޮޅުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޓީސީގެ އިޝާން އިބްރާހީމް (ސައްޓު) އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 69 ވަނަ މިނެޓުގައި ޓީސީގެ އަކްރަމް އަބްދުލް ޣަނީ ވަނީ ނުރައްކާތެރި ހަމަލާއެއް އީގަލްސްގެ ގޯލަށް ފޮނުވާލާފައެވެ. މި ހަމަލާ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ. އީގަލްސްއިން ޖެހި ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށް ދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ. މިއީ ޗޯޓު އީގަލްސްއަށް ކުޅުދިން ފުރަތަމަ މެޗެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު ޝާޒްލީ ބުނީ މި މެޗުގައި ޓީސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ވަރަށް ކުރީކޮޅު އެއް ކުޅުންތެރިއެއް މަދުން ކުޅެން ޖެހުން ކަމަށާއި މެޗަށް ޓީސީ ނިކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ބުނީ މެޗުގެ ނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި އީގަލްސްގެ އަމާޒަކީ ކުރިޔަށް ތިން ވަނަ ބުރުގެ ފުރަތަމަ މެޗުން ޓީސީ އަތުން މޮޅުވެ ލީޑު ދެމެހެއްޓުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް