އިނގިރޭސި ޕްރިމިއާ ލީގުގައި ނޯވިޗް ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް ޔުނައިޓެޑުން ގަދަ ހަތަރަކަށް އެރުމުގެ އުންމީދު އާކޮށްފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ޔުނައިޓެޑުން ގެންދިޔައީ ފުލުފުލުގައި ނޯވިޗްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ވިލިއަމްސްއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭނާ އޭރިޔާ ބޭރުގައި ހުރެ ފޮނުވައިލި ބޯޅަ ގޯލު ދަނޑިމަތިން ދިޔައީ ބޭރަށެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖުއާން މާޓާގެ އެހީތެރިކަމާއިއެކު މާކަސް ރަޝްފޯޑްއެވެ. މި ލަނޑަށްފަހު ވެސް ޔުނައިޓެޑުން ގެންދިޔައީ ފުލުފުލުގައި ނޯވިޗްގެ ގޯލަށް ހަމަލާ ފޮނުވައިލަމުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ރަޝްފޯޑްއެވެ. މިއީ ރަޝްފޯޑް ޔުނައިޓެޑަށް ކުޅެދިން 200 ވަނަ މެޗެވެ. އަދި މެޗުގެ 54 ވަނަ މިނެޓުގައި އެންތޮނީ މާޝިއަލް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. ޔުނައިޓެޑްގެ ފަހު ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑްއެވެ.
މި ނަތީޖާއާއި އެކު ޔުނައިޓެޑުން ލީގު ތާވަލުގެ ފަސްވަނައިގައި އޮތީ 22 މެޗުން ލިބުނު 34 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި ލިވަރޕޫލް އޮތީ 21 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ. އަދި ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް 22 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.