ސްޕެނިޝް ސުޕަ ކަޕްގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ބާސެލޯނާ ބަލިކުރުމަށްފަހު އެތްލެޓިކޯއިން ފައިނަލަށް ދަތުރުކޮށްފިއެވެ.
ސައުދި އަރަބިއްޔާގައި ކުޅުނު މި މެޗު އެތްލެޓިކޯއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހަން ވަނީ ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން އެތްލެޓިކޯއިން ވަނީ އުފެއްދި ފުރަތަމަ ހަމަލާގައި ލަނޑެއްޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޯކޭއެވެ. އޭގެ ފަސް މިނެޓުފަހުން މެޗުގެ 51 ވަނަ މިނެޓުގައި ލިއޮނަލް މެސީ ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މެޗުގެ 59 ވަނަ މިނެޓުގައި މެސީ ދެވަނަ ލަނޑެއް ޖެހިނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ މެސީ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ބާސާއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ. އޭގެ ފަހުން ބާސެލޯނާގެ ޑިފެންޑަރ ޖެރާޑް ޕީކޭ ލަނޑެއް ޖެހިނަމަވެސް ވީއޭއާރް ބެލުމަށް ފަހު އެއީ އޮފްސައިޑްގައި ހުރެ އޭނާ ޖެހި ލަނޑެއް ކަމުގައި ނިންމިއެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެތްލެޓިކޯއިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލްވާރޯ މޮރާޓާއެވެ. އަދި އެތްލެޓިކޯ މޮޅުކޮށްދިން ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންހެލް ކޮރޭއަ އެވެ.
މިނަތީޖާ އާއިއެކު އެތްލެޓިކޯ މެޑްރިޑުން އާދީއްތަ ދުވަހުކުޅޭ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ވާދަވެރި ރެއާލް މެޑްރިޑާއެވެ.