ސްޕެނިޝް ސުޕަރ ކަޕްގެ ސެމީ ފައިނަލުގައި ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑް ފައިނަލަށް ދަތުރުކޮށްފިއެވެ.
ސައުދި އަރަބިއްޔާގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ރެއާލުން ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓޯނީ ކްރޫޒްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކޯނަރަކުންނެވެ. މި ލަނޑަށްފަހު ވެސް ރެއާލުން ވަނީ ފުލުފުލުގައި ވެލެންސިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ރެއާލްގެ މިޑްފިލްޑަރ ލޫކާ މޮޑްރިޗް އަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ޑިފެންޑަރުންވަނީ ދިފާއުކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ރެއާލްގެ އިސްކޯ ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ރެއާލް ކުޅުންތެރިންގެ ފަރާތުން އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު މެޗުގެ 65 ވަނަ މިނެޓުގައި، ރެއާލުން ވަނީ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރ މޮޑްރިޗްއެވެ. މި ލަނޑާއެކު ވެލެންސިއާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 90 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ އެވެ.
މި މުބާރާތުގެ ފައިނަލުގަ، ރެއާލުން ބައްދަލުކުރާނީ ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.