ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވިލުފުށީ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ބިރު ދައްކައި، ބައެއް ކެންޑިޑޭޓުން ހައްޔަރުކޮށް، އަދި ބައެއް ކެންޑިޑޭޓުންނަށް ތަފާތު ދައުވާތައް ކުރަމުންދާކަމަށް އެމްޑީޕީ ވިލުފުށީ ދާއިރާއިން ބުނެފި އެވެ.
އެމްޑީޕީ ކެންޑިޑޭޓުންނަށް ފިއްތުންތަކާއި ބޭއިންސާފު ކުށްވެރިކުރާކަމަށް ބުނެ އަންގާރަ ދުވަހުގެ ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވިލުފުށީ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ސަލާމް އަންގާރަ ދުވަހު ހަވީރު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއިދާރާއިން ޤަބޫލުކުރާ ގޮތުގައި އެކަމަކީ ކައުންސިލް އިންތިޚާބާ ދިމާކޮށް ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ އަގުވައްޓާލުމަށް ބަޔަކު އަޑީގައި ތިބެގެން ރާވާ ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އެހެންކަމުން ސަލާމް މިހާރުން މިހާރަށް ދޫކޮށްލުމަށް ކަމާގުޅޭ އެންމެހާ މުއައްސަސާތަކަށް އެމްޑީޕީ ވިލުފުށީ ދާއިރާއިން ވަނީ ގޮވާލާފައެވެ.
އެބަޔާނުގައި ބުނެފައިވާ ގޮތުގައި އެދާއިރާގެ ރަށްތަކުގެ އެމްޑީޕީ ކެންޑިޑޭޓުންނަށް ކެންޑިޑެސީ ނެގުމަށް ސިޔާސީ އެކި ފަރާތްތަކުން ހުށަހެޅުންތައް ހުށަހަޅައި އަދި ފިއްތުންތައް ކުރިމަތި ކުރުވަމުން އަންނަ ކަމަށެވެ. އެފަދަ ޢަމަލު ތަކަކީ ޑިމޮކްރަސީއާ ބީރައްޓެހި ނާތަހުޒީބީ ޢަމަލުތަކެއް ކަމުގައި ދެކޭ ކަމަށާއި އެފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް މިހާރުވެސް ވަނީ ނުހައްގުން ދައުވާ އުފުލާފައި ކަމަށާއި އެގޮތުން މިހާރުވެސް ވިލުފުށީ ކައުންސިލްގެ ރައީސް އަދި ކުރިއަށް އޮތް އިންތިޚާބުގެ އެކައުންސިލްގެ ކެންޑިޑޭޓް ނަމްބަރު 1 ހުސައިން ޖަބީނަށް އެފަދަ ދައުވާއެއް އުފުލާފައިކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީ ވިލުފުށީ ދާއިރާއިން ބުނީ އެމަސައްކަތަކީ ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ނެތުމުން ވާދަވެރިން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށް ދެކޭ ކަމަށާއި ބޭއިންސާފާއި ނުހައްގުން ވާދަވެރިން ނައްތާލުމުގެ ބަދަލުގައި ވާދަވެރި ކެމްޕޭނެއްކޮށް މިނިވަން އިންތިޚާބެއްގައި ވާދަކުރުމަށް ޕީޕީއެމަށް ގޮވާލާ ކަމަށެވެ.