އިނގިރޭސި ލީގު ކަޕްގައި މެންޗެސްޓާ ޔުނައިޓެޑާއި، މެންޗެސްޓާ ސިޓީއިން ބައްދަލުކުރި މެޗު ސިޓީއިން ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފާރޑްގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ސިޓީއިން ވަނީ ޔުނައިޓެޑްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ސިޓީއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ. އޭނާ މި ލަނޑު ޖެހީ ވޯލްކާގެ އެހީތެރިކަމާއިއެކުގައެވެ. މި ލަނޑަށްފަހުވެސް ސިޓީއިން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށް ފުލުފުލުގައި ހަމަލާ އުފައްދައިފައެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ސިޓީއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދް މާރޭޒްއެވެ. އަދި އޭގެ ފަސް މިނެޓުފަހުން ސިޓީ އިން ތިންވަނަ ލަނޑު ޖެހިއިރު މި ލަނޑަކީ ޔުނައިޓެޑްފެ ޕެރޭރާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެޓީމުން ވަނީ މި ހާފުގައި ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 47 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ވިލިއަމްސް ވަނީ ނުރައްކާތެރި ހަމަލާއެއް ސިޓީގެ ގޯލަށް ފޮނުވައިލައިފައެވެ. މި ހަމަލާ ސިޓީގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއު
ކޮށްފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ.