ފެބްރުވަރީ މަހުގައި ޗައިނާގައި ބާއްވާ އޭޝިއަން އިންޑޯ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރަން ސާއިދާއެކު ހަތަރު ދުވުންތެރިންގެ ސްކޮޑް އެކުލަވައިލައިފިއެވެ.
2018 ވަނަ އަހަރު އޮތް މިމުބާރާތުގެ 60 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވަނީ ފައިނަލުގައި ވާދަކޮށްފައެވެ. ސާއިދު މިފަހަރުގެ މުބާރާތުގައިވެސް ވާދަކުރާނީ 60 މީޓަރު ދުވުމުގައެވެ.
ސާއިދުގެ އިތުރުން މި މުބާރާތުގައި ދެން ވާދަކުރާނީ 800 މީޓަރު ދުވުމުގައި ވާދަކުރާ ހުސެއިން ރިޒާ (ކުޑަރިޒާ) އާއި 60 މީޓަރު ދުވުމުގައި ވާދަކުރާ މަރިޔަމް އަލްހާ ހުސެއިން އަދި 400 މީޓަރު ދުވުމުގައި ވާދަކުރާ އައިޝަތު ހިމްނާ ހަސަން އެވެ.
400 މީޓަރު ދުވުމުގައި ވާދަކުރާ ހިމްނާ އަކީ މިވަގުތު ރާއްޖޭގައިހުރި އެންމެ އުންމީދީ އަންހެން ދުވުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ މަހު އޮތް ސައުތް އޭޝިއަން ގޭމްސްގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފައެވެ. މީގެ އިތުރުން ހިމްނާ ވަނީ 2018 ވަނަ އަހަރު އަންހެނުންގެ 400 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ ޔޫތް ގައުމީ ރެކޯޑްވެސް އާކޮށްފައެވެ.
އެތްލެޓިކްސް ޓީމު މި މުބާރާތާއި ކުރިމަތިލާއިރު އޭނާ ވަނީ 2016 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތުގެ އެ އިވެންޓުން ފައިނަލުގައި 6.84 ސިކުންތުން ދުވެ މުޅި އޭޝިއާގެ ފަސް ވަނަ ހޯދައިފައެވެ. އަދި އެ މުބާރާތުގައި އޭނާ ވަނީ ދެ ފަހަރަށް ގައުމީ ރެކޯޓް އާކޮށްފައެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ޓީމުގެ ކޯޗަކީ ރާއްޖޭގެ ކުރީގެ ބާރު ދުވުންތެރިޔާ ހުސެއިން ހަލީމް އެވެ.