ފުރަތަމަ ގައުމީ ދިގުފެތުމުގެ ޓްރެކް ކ. ދިއްފުށީގައި ހުޅުވައިފިއެވެ.
ޓްރެކް ހުޅުވުމަށް ދިއްފުށީގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު ވިދާޅުވީ ފުރަތަމަ އޯޕަން ވޯޓަރ ޓްރެކް ދިއްފުށީގައި އެޅުމަށް ނިންމީ ދިއްފުއްޓަކީ މާލެ އާއި ކައިރި ރަށަކަށްވެފައި މިހާރު ގެސްޓް ހައުސްގެ ވިޔަފާރި ކުރިއަރަމުން އަންނަ ރަށަކަށް ވުމުން ކަމަށާއި އަދި ދިއްފުށީގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިލައްވާ ކަމަށެވެ. މީގެ އިތުރުން ސައްތާރު ވިދާޅުވީ ފީނާގެ އެހީގެދަށުން ވަރަށް އަވަހަށް ދިގު ފެތުން ކުރިއެރުވުމަށް ދިއްފުށީގައި ކޯޗުން ތަމްރީނު ކުރުމުގެ ކޯހެއް ހިންގާނެ ކަމަށާއި އެކަމުގައި ރައްޔިތުން ބައިވެރިވާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
ރާއްޖެއަކީ ދިގު ފެތުން ކުރިއެރުވޭނެ ގައުމެއް ކަމަށާއި އެގޮތުން ބައިނަލްއަގްވާމީ މުބާރާތަކުން މެޑަލް ހޯދޭނެ ކަމަށްވެސް ސަރީފް ވިދާޅުވިއެވެ. މީގެ އިތުރުން މިއަހަރު ތެރޭގައި ރީޖަނަލް މުބާރާތެއް ދިއްފުށީގައި ބޭއްވޭތޯ އެސޯސިއޭޝަނުން ބަލަމުންގެންދާ ކަމަށް ސައްތާރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ ދިއްފުށީގައި މިފަދަ ކަމެއް އަލަށް ފެށިގެންދާއިރު މިކަން ޕްރޮމޯޓްކުރުމަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. ބައިނަލްއަގްވާމީ މުބާރާތެއް ދިއްފުށީގައި ބޭއްވުމަށް ޔޫތް މިނިސްޓްރީއިން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވަމުން މަހްލޫފް ވިދާޅުވީ ފެތުންތެރިން މިހާރު ފަތަމުން އަންނަނީ ވަރަށް ހާލުގައި ކަމަށާއި އެކަން ހައްލަކަށް ގެންނާނެ ކަމަށެވެ.
ފީނާ އެކުއެޓިކް ސަޕޯޓް ޕްރޮގްރާމްގެ ދަށުން ދިއްފުށީގައި އެޅުނު ސްވިމިންގ ޓްރެކް ހުޅުވައިދެއްވީ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްއެވެ.