ގއ. ވިލިނގިލީ ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ވަކިކުރި ހަ ޓީޗަރުންގެ ތެރެއިން، ނަން ހާމަ ނުކުރުމަށް އެދި ޓީޗަރަކު "ރާއްޖެއެމްވީ" ވިދާޅުވީ އެ ހަ ޓީޗަރުންނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ލިޔުން ލިބިފައި ވަނީ ހޯމަ ދުވަހު ކަމަށާއި އެލިޔުމުގައި ވަނީ އެ ޓީޗަރުން އެއްބަސްވެފައިވާ އެއް އަހަރުދުވަހުގެ އެއްބަސްވުން އުވާލުމަށް ފަހު އެ ޓީޗަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އަންގާރަ ދުވަހު އަލުން ވަޒީފާއަށް ނިކުތުމަށް އަންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހަ ޓީޗަރުންނަށް އަލުން ވަޒީފާއަށް ނުކުތުމަށް އެންގީ ބެލެނެވެރިން ނުރުހުން ސްކޫލަށް އައިސް ބޮޑު ކަންތައްގަނޑަކަށް ވެދާނެތީ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހަޓީޗަރުން ވަކި ކުރުމަށް ފަހު ޓީޗަރުން ހޯދުމަށް އިއުލާނު ވެސް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަލުން ވަޒީފާއަށް ނުކުތުމަށް އެންގީ ބެލެނެވެރިންގެ ނުރުހުން އައުމުގެ އިތުރުން ދަރިވަރުންނަށް ކިޔަވާދިނުމަށް ބުރުލެއް އަރާފާނެތީ، އަލަށް ސްކޫލާ ގުޅޭ ޓީޗަރުން ސްކޫލާ ގުޅެންދެން ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ސްކޫލްގެ މެނޭޖްމަންޓުން ވެސް އެ ހަ ޓީޗަރުންނާ ބައްދަލުކޮށް އަލުން ވަޒީފާއަށް ނުކުތުމަށް އެދިފައިވާ ކަމަށާއި ނުނިކުމެއްޖެ ނަމަ އެއީ "ނެގަޓިވް" ޕްއިންޓަކަށް ވާނެކަމަށްބުނެ އިންޒާރުވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުން އެ ޓީޗަރުންނަށް ފޮނުވާފައިވާ ސިޓީގައި ވަނީ ޕްރީ ސްކޫލް ޓީޗަރުން ހޯދުމަށް އޮކްޓޯބަރު 26، 2016 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން، އެމަގާމަށް އެންމެ ގާބިލު ނޫން ފަރާތެއް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ އިއުލާން ބާތިލްކޮށް، އަލުން އިއުލާން ކުރައްވައިގެން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަނުން އެ ސްކޫލަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން އެސީޓީގައި ވަނީ އަލުން އިއުލާންކޮށްގެން ޓީޗަރުން ކަނޑައެޅެންދެން އެ ހަ ޓީޗަރުންގެ އެއްބަސްވުން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީ ސްކޫލަށް އަންގާފައިވާ ކަމަށެވެ.
އެ ޓީޗަރުން ބުނީ އެމީހުން އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރެއްގެ މަގާމު އަދާކުރި، މިވޭތުވެދިޔަ ދުވަސްތަކުގައި ސްކޫލަށް ބަރާބަރަށް ނިކުމެ، އެއްވެސް މައްސަލައެއް ނެތި ވަކިކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ.
ނަމަވެސް އެ ޓީޗަރުން ވިދާޅުވީ އެ ޓީޗަރުންގެ އެއްބަސްވުންތައް އުވާލާފައިވާތީ، އެބޭފުޅުންނަކީ މިހާރު ސްކޫލްގެ ޓީޗަރުން ކަމުގައި ނުދެކޭ ކަމަށެވެ. އެހެންކަމުން ސްކޫލަށް ނިކުންނަށް ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގއ. ވިލިނގިލީގައި ސަރުކާރުގެ ނުފޫޒުގަދަ އެ ގާޒީންގެ ގްރޫޕެއް އޮންނަ ކަމަށާއި ޓީޗަރުން ވަކިކުރުމުގައި އެމީހުންގެ ނުފޫޒު ވަރަށް ބޮޑަށް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލުން ވަކިކުރި ޓީޗަރުންނަކީ އެކަމަށް ގާބިލް އަދި ފެންވަރު ރަނގަޅު ޓީޗަރުން ކަމަށާއި އެ ޓީޗަރުންގެ ތެރޭގައި 10 އަހަރު ޓީޗަރުކަންކޮށްފައިވާ ޓީޗަރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.