Advertisement
ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 23:46
އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ޖަލްސާއެއްގައި
އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ޖަލްސާއެއްގައި
އަޒުމޫން އަހުމަދު
އެމްޑީޕީ
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު މިހާރުވެސް ވަނީ ދަށްވެފައި

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ސައްޙަ ގޮތުގައި ހިންގާ ސައްތައިން ސައްތަ ދިވެހި އަދި ބޭރުގެ ވިޔަފާރިތަަކަށް، ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ދުއްތުރާ ނުކުރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ސައްޙަ ގޮތުގައި ހިންގާ ސައްތައިން ސައްތަ ދިވެހި އަދި ބޭރުގެ ވިޔަފާރިތަަކަށް އެކި ގޮތްގޮތުން ދަތިކޮށް، ސިޔާސީ ބޭނުމަށް އެ ފަރާތްތައް ފިއްތައި ކޯޓުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ސަރުކާރުން ދުއްތުރާ ކުރަމުން ގެންދާތީ އެމްޑީޕީން ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ސިޔާސީ މަޝްރަޙަށް ބަދަލު އަންނަ ކޮންމެ ދަނޑިވަޅެއްގައި ވިޔަފާރިވެރިންނަށް ކޯޓުތަކާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަދަ މިނިވަން މުވައްސަސާތައް މެދުވެރިކޮށް ސަރުކާރުން ތަފާތު އެކި އުނދަގޫތަކާއި ގެއްލުން ކުރިމަތިކުރުވައެވެ. އަދި ސަރުކާރާ އެކު ވެފައިވާ އެއްބަސްވުންތައް ޤާނޫނީ ހުއްޖަތެއް ނެތި ބާޠިލް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައ ިވެއެވެ.

ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމަކީ ޤައުމުގެ ތަރައްޤީއަށް ނުހަނު ބޭނުންތެރިކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން މިނިވަން ކަމާ އިންސާފުވެރިކަމާ އެކު ވިޔަފާރިތައް ކުރިއެރުވޭނެ މާޙައުލެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނެ އުސޫލްތައް އެކުލަވާލެވިފައިވާއިރު އެކަން އެގޮތަށް ނުހިނގުމުން ގެއްލުން ލިބޭނީ ދިވެހިރައްޔިތުންނަށް ކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެ ޕާޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވިޔަފާރިތަކުން ނަގާ ޓެކްސް ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނަ އިރު ވިޔަފާރިކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވެސް ހަރުދަނާވާންޖެހެއެވެ.

ހަމައެހެންމެ ސަރުކާރުން އެދޭހާ ގޮތް ނުވާ ކޮންމެ ވަގުތެއްގައި ވިޔަފާރިތައް ފިއްތައި، ސިޔާސީ ޙުކުމްތައް ކުރުމުން އުފެއްދުންތެރި ކަމަށް އެކަމުގެ އަސަރުކާރާނެ ކަމަށާއި އަދި ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު މިހާރު ވެސް ދަށްވެފައިވާ ކަމަށް މާލީ އިދާރާތަކުން ބުނާއިރު، އެކަން އިތުރަށް ހީނަރުވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނަފައި ވެއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ކޯޓުތަކުގައި ރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރިތައް ޖޫރިމަނާ ކުރުމުން ދަށު ކޯޓުތައް މެދުވެރިކޮށް ސިޔާސީ ޙުކުމް ނެރެމުންދާކަމީ ވެސް ދުނިޔޭގެ ވިޔަފާރިތަކުގެ މެދުގައި ރާއްޖޭގެ އަގު ވެއްޓޭނެ ކަމެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ވިޔަފާރިވެރިންނަށް ސަރުކާރުން ކުރަމުން އަންނަ އުނދަގޫތަކާއި ދުއްތުރާތައް މިހާރުން މިހާރަށް ހުއްޓާލުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް