ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 21:47
މޮރީނިއޯ
މޮރީނިއޯ
ޓްވިޓަރ
މޮރީނިއޯ
މޮރީނިއޯގެ ރުޅިގަނޑު މިފަހަރު ބޯޅައަށް!
މޮރީނިއޯ ބުނީ އިނގިރޭސި އެފްއޭ އިން ރާވާ ބާރާތްތަކުގައި ބޭނުން ކުރަން ޖެހޭނީ އެއް ބްރޭންޑްއެއްގެ ބޯޅަ ކަމަށް

އިނގިރޭސި އެފްއޭ ކަޕްގައި މިޑްލްސްބަރާ އަތުން 1-1 ގެ ނަތީޖާ އަކުން އެއްވަރުވި މެޗަށްފަހު ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ، އެފްއޭ ކަޕް ކުޅެނީ ރަނގަޅު ބޯޅައަކުން ނޫން ކަމަށް ބުނެ ޝަކުވާކޮށްފިއެވެ.

މޮރީނިއޯ ބުނީ އިނގިރޭސި އެފްއޭ އިން ރާވާ އިންތިޒާމްކުރާ މުބާރާތްތަކުގައި ބޭނުން ކުރަން ޖެހޭނީ އެއް ބްރޭންޑްއެއްގެ ބޯޅަ ކަމަށާއި ކޮންމެ މުބާރާތެއްގައި ވަކި ބްރޭންޑް އެއްގެ ބޯޅަ ބޭނުން ކުރުމުން އެކަމުގެ އުނދަގޫ ކުޅުންތެރިންނަށްވާކަމަށެވެ. މީގެ އިތުރުން މޮރީނިއޯ ބުނީ އޭނާ އަށް ހީވަނީ އެފްއޭ ކަޕްގައި ބޭނުންކުރާ ބޯޅައަކީ ބީޗް ބޯޅައެއް ހެން ކަމަށާއި އެ ބޯޅަ ވަރަށް ލުއި ކަމަށެވެ. މިއީ އޭނާ ކުރާ ޝަކުވާއެއް ނޫން ކަމަށާއި މިއީ ހަގީގަތްކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މީގެ އިތުރުން މޮރީނިއޯ ވަނީ އެފްއޭކަޕްގެ ބައެއް މެޗުތަކުގައި ވީއޭއާރް ބޭނުންކޮށް އަނެއްބައި މެޗުތަކުގައި މި ވަސީލަތް ބޭނުން ނުކުރާތީ އެކަމާއި ވެސް ފާޑުކިޔައިފައެވެ. އެގޮތުން މޮރީނިއޯ ބުނީ މިޑްލްސްބަރާއިން ރޭގެ މެޗުގައި ޖެހި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ވީއޭއާރް ބޭނުންކުރިނަމަ އެ ލަނޑަކީ އޮފްސައިޑް ލަނޑެއްކަން ރެފްރީއަށް އިނގޭނެ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ މިހެން ބުނިއިރު މީގެ ކުރިން މޮރީނިއޯ ވަނީ ވީއޭއާރްގެ ސަބަބުން ފުޓުބޯޅައިގެ ފޯރި ކުޑަވާކަމަށް މީގެ ކުރިން ބުނެފައެވެ. ޗެލްސީ އަދި ޓޮޓެންހަމް ކުޅުނު މެޗުގައި ޓޮޓެންހަމްގެ އިތުބާރު ފޯވަރޑް ސޮންއަށް ދެއްކި ރަތްކާޑާއި ގުޅިގެން މޮރީނިއޯ ބުނީ ރެފްރީ ކަންކުރީ ކަން ކުރަން އޮންނަ ގޮތަށް ނޫންކަމަށާއި އެ މެޗުގައި ރެފްރީކަންކުރި ރެފްރީއަށް ސޮން ފައުލްކުރިކަން ވެސް އިނގުނީ ވީޑިއޯ އެސިސްޓެންޓް

އެކަން ބުނުމުން ކަމަށެވެ. އެހެންކަމުން ސޮން އަށް ރަތް ކާޑު ދެއްކުން އެއީ އެންމެ އެކަށީގެންވާ ގޮތް ނޫންކަމަށްވެސް މޮރީނިއޯ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް