މީޑިއާތައް ޒިންމާދާރު ކުރުވުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކުރީ ބިރު ދައްކައި އިންޒާރު ދޭން ނޫން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ބްރޯޑްކޮމް އިން ނެރުނު ބަޔާނަކާ ގުޅިގެން އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީޑިއާތައް ޒިންމާދާރު ކުރުވުމުގެ މަސައްކަތް ބްރޯޑްކޮމްއާ ހަވާލުކުރީ ބިރު ދައްކާ އިންޒާރު ދީގެން އެ މަސައްކަތްކުރަން ނޫން ކަމަށެވެ.
އެ ކޮމިޝަނުން އާއްމުކޮށްފައިވާ ބަޔާނުގައި، ރާއްޖޭގެ ޚާރިޖީ ގުޅުންތަކާއި ދޭދޭ ގައުމުތަކުގެ މެދުގައި ގާއިމްކުރެވިފައިވާ އެކުވެރިކަމުގެ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ޚަބަރުތައް ނުފެތުރުމަށް ބްރޯޑްކާސްޓަރުންގެ ކިބައިން ވަނީ އެދިފަ އެވެ. އަދި ރާއްޖޭގައި މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ރޯގާގެ ޚަބަރުތައް އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އެގޮތުން ބައެއް ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ފުށުއަރާ ކަމަށް ފާހަގަކުރެވޭ ކޮންޓެންޓް ކަމަށް އެ ކޮމިޝަނުން ފާހަގަކޮށް އެކަން ކުށްވެރިކުރާ ކަމަށް އެކޮމިޝަނުން ބުނެއެވެ.
ބްރޯޑްކޮމްއިން ނެރުނު ބަޔާނަށް ފާޑުވިދާޅުވެ އަމީތު ޓުވީޓް ކުރެއްވިިއިރު ފަހަކަށް އައިސް އޭނާ ގެންދަވަނީ ސަރުކާރުގެ ބައެއް ކަންކަމާ ނުރުހުން ފާޅުކުރައްވަމުންނެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ދައްކަވާފައިވާ އޯޑިއޯއެއް ލީކްވުމުން އަމީތު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރަނީ ރާއްޖޭގެ ވަކިތަނެއް ވަކި ބަޔަކަށް ދިނުމަށް ކަމަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅި ވަގުތު މެމްބަރުންނާ ހިއްސާ ނުކުރާ ކަމަށާއި އަދި އެއީ ހަގީގަތެއް ކަމަށްވާނަމަ އެކަމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.