ރާއްޖޭގެ ނަން ކިލަނބުވާ ގޮތަށް އަދި ޓެރަރިޒަމްއަށް ހިއްވަރު ލިބޭ ގޮތަށް ދޮގު ވާހަކަތަށް ބްރޮޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި އެވެ.
އެ ކޮމިޝަނުން އާއްމުކޮށްފައިވާ ބަޔާނުގައި، ރާއްޖޭގެ ޚާރިޖީ ގުޅުންތަކާއި ދޭދޭ ގައުމުތަކުގެ މެދުގައި ގާއިމްކުރެވިފައިވާ އެކުވެރިކަމުގެ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ޚަބަރުތަށް ނުފެތުރުމަށް ބްރޯޑްކާސްޓަރުންގެ ކިބައިން ވަނީ އެދިފަ އެވެ. އަދި ރާއްޖޭގައި މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ރޯގާގެ ޚަބަރުތައް އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އެގޮތުން ބައެއް ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ފުށުއަރާ ކަމަށް ފާހަގަކުރެވޭ ކޮންޓެންޓް ކަމަށް އެ ކޮމިޝަނުން ފާހަގަކޮށް އެކަން ކުށްވެރިކުރާ ކަމަށް އެކޮމިޝަނުން ބުނެއެވެ.
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސް އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތެރެއިން ބްރޯޑްކާސްޓަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް އެ ކޮމިޝަނުން ވަނީ ހުރިހާާ ބްރޮޑްކާސްޓަރުންނަށް އެދިފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު ކްރިމިނަލް ކޯޓުން ވެސް މި ހަފްތާގައި ވަނީ ނޫސްވެރިންނަށް ވަރުގަދަ އިންޒާރެއް ދީ ބަޔާނެއް ދީފައެވެ. އެ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި ބައެއް ނޫސްވެރިން ޓެރަރިޒަމަށް ހިތްވަރުދޭ ފަދަ ލިޔުންތައް ލިޔާ ކަމަށާއި އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކްރިމިނަކް ކޯޓުގެ ބަޔާނުގައި ވެއެވެ.
މިފަދަ ވާހަކަތައް ފެތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މި އިދާރާތަކުން ދީފައިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ހާމަކޮށްފައި ނުވާއިރު އެއީ ކޮން ނޫސް މީޑިއާތަކެއް ކަމެއް ނުވަތަ ކޮން ނޫސްވެރިންނެއް ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޮންލައިން އަދި ދުވަހު ނޫހެއް ކަމަށްވާ "މިހާރު"ގައި ލިޔެފައިވާ ދެ އާޓިކަލަކާ ގުޅިގެން ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ދެ މައްސަލައެއްގައި އެ ތަނުގެ މެނޭޖިން އެޑިޓަރު އިސްމާއީލް ނަސީރު ހޯމަ ދުވަހު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.