ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދީފައި އޮތް ތ. އެލާ ފަޅުރަށުގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން އުވާލީ ރަނގަޅަށް ކަމަށް ހައިކޯޓުން އަންގާރަ ދުވަހު ހުކުމް ކޮށްފި އެވެ.
ތ. އެލާ އަތުލި މައްސަލައިގައި ދަށު ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީގައި ހުކުމް ކޮށްފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގއާ ދެމެދު ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން އުވާލައި އެ ރަށް އަތުލީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. އަދި އެރަށް އަތުލުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވިލާ އަށް ފޮނުވި އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ވެސް ދަށު ކޯޓުން ހުކުމް ކޮށްފައި ވެއެވެ.
ދަށު ކޯޓުގެ ހުކުމުގައިވާ ގޮތުން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އަށް ތ. އެލާ ދިނުމަށް ހަދާފައި އޮތް އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް އެގްރީމެންޓް އުވާލީ 2013 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ސޮއިކޮށްފައިވާ ސެޓްލްމެންޓް އެގްރީމެންޓް އުވާލި އުވާލުން އަސާސަކަށް ބަލައިގެންނެވެ.
އެހެންކަމުން ސެޓްލްމެންޓް އެގްރީމެންޓާ އެއް ހަަމަޔަކުން އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް އެގްރީމެންޓާ މެދު އަމަލުނުކުރެވޭނެ ކަމަށް ދަށު ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
ދައުލަތުގެ ފަރާތުން ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އަންގާރަ ދުވަހު އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި އެ ރަށާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްބުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.
ވިލާ އަށް ދޫކޮށްފައިވާ ފަސް ރަށެއްގެ ކުއްޔާއި ކުލި ނުދައްކާ އޮތުމުން އަރާފައިވާ ޖޫރިމަނާ ކަމަށް ބުނެ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދުމަށް 2015 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކުންފުންޏަށް އަންގާފައިވެ އެވެ. އެ ފަސްރަށުގެ ތެރޭގައި އެލާ ވެސް ހިމެނެ އެވެ.
ވިލާއަށް ދޫކޮށްފައި ހުރި ރަށްތަކެއް އަތުލައި ބައެއް ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށް، ކާޑެއްދޫ އެއާޕޯޓް އަތުލި އިރު ގާސިމް މަސައްކަތް ކުރައްވަމުން ގެންދެވީ އިދިކޮޅު ފަރާތްތަކާއެކު އެވެ. ނަމަވެސް، ސަރުކާރާ އެއްކޮޅަށް އަރައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުންތަކުގައި ގާސިމާއި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން ބައިވެރިވާން ފެށުމާއެކު ބައެއް ރަށްތަކާއި ކާޑެއްދޫ އެއާޕޯޓް ވަނީ އަނބުރާ ދީފަ އެވެ.
ހައިކޯޓުން އެފަދަ ހުކުމެއް ކޮށްފައި މިވަނީ ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލައި މާމިގިލި އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ މިދިޔަ މަހުގަ އެވެ.
ޖުމްހޫރީ ޕާޓީން އާދިއްތަ ދުވަހު ބޭއްވި ޖަލްސާއެއްގައި ގާސިމް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އަދި ވިލާ ކުންފުންޏަށް ބޮޑު ރާޅެއް ނަގަން އުޅޭ ކަމަށާއި، މުދާ ނެގިޔަސް ފަރުވާލެއް ނެތް ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.